މި ސަރުކާރުން ތިލަމާލޭ ބުރިޖުގެ މަޝްރޫއު އަވަސްކުރުމަށް ކުރި މަސައްކަތްތަަކާމެދު އެމަނިކުފާނު އުންމީދުކުރައްވަނީ ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭ މި މަޝްރޫއުގެ މަސައްކަތް ނިމިގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާއިން ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ 2021 ވަނަ އަހަރުގެ ތެރޭ ފެށުނު ތިލަމާލޭ ބުރިޖުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް ވަރަށް ކައިރިން ފެނިވަޑައިގަތް ކަމަށެވެ. އެއިރު ބުރިޖުގެ މަސައްކަތް ދިޔައީ ވަރަށް ލަސްކޮށްކަމަށް ވިދާޅުވެ، ކުރީ ސަރުކާރުގައި އެ މަޝްރޫއު ތަންފީޒުކުރުމުގެ ތެރެއިން ކުރިމަތިވި ބައެއް މައްސަލަތަކަށް އަލިއަޅުވައިލެއްވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރުގައި އޮތް ބައްދަލުވުމެއްގެ ހަވާސާއިން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުވެވަޑައިގެން މަޝްވަރާކުރައްވަން ލިބިވަޑައިގަތް ފުރުސަތުގައި މި މަޝްރޫއު ހަލުއިކަމާއެކު ކުރިއަށްގެންދަވައި ނިންމަވައިލެއްވުމަށް ބޭނުންފުޅުވާކަން ހިއްސާކުރައްވައި، މި މަޝްރޫއާއި އެނޫންވެސް ބައެއް މަސައްކަތްތައް ވިލަރެސްކުރުމަށް ދެ ގައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވައިލެއްވުމަށް ހުށަހެޅުއްވި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ހުށަަހެޅުއްވުމާ އެއްގޮތަށް ދެ ގައުމުގެ މަތީ ފަންތީގެ ކޮމީޓީއެއް އެކުލަަވައިލެވި މަޝްރޫއުގެ މަސައްކަތް ހަލުއިކުރުމަށް ބާރުއެޅުނެވެ. އޭގެ އިތުރަށް އިމާރާތްކުރުމާ ބެހޭ ވުޒާރާއިން މި މަޝްރޫއަށް ދެމުންއައި ސަމާލުކަން އިތުރުކޮށް އެ މަސައްކަަތް ކައިރިން ބަލަހައްޓައި މަޝްރޫއު އަވަސްކުރުމަށް ކުރެވެން ހުރި ކަންކަން ކުރަމުންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން މިސަރުކާރުން އިންފްރަސްޓްރަކްޗާ މިނިސްޓްރީން މިކަމަށް ވަރަށް އިސްކަންދިން އެދުވަހުން ފެށިގެން، ފުރަތަމަ ދުވަހުން ފެށިގެން. ސީދާ މިނިސްޓަރ އަދި މިނިސްޓަރ ދަށުން އޮންނަ ޓީމު ދެން ކުރީގައިވެސް އަޅުގަނޑު ހައުސިން މިނިސްޓަރަކަށް ހުރިއިރު ޗައިނާ މޯލްޑިވްސް ބްރިޖު ހެދިއިރުވެސް އަޅުގަނޑުމެން އެއަށް ދިނިން އެންމެ ބޮޑު އިސްކަން. އަޅުގަނޑު ސީދާ ސައިޓަށް ހަފުތާއެކު އެއްފަހަރު ދިޔައިން، އަޅުގަނޑު ސީދާ ޕްރޮޖެކްޓުގެ ކަންކަން ދާ ގޮތް އޮފީސް ތެރެއިން ބަލަން. މިހެން ގޮސް އަޅުގަނޑާއި އަޅުގަނޑުގެ ދަށުން ޓީމު މަސައްކަތްކުރަމުންދިޔައީ ގާތްގަަނޑަކަށް 24 ގަޑިއިރު ރެއާއި ދުވާލު،” ރައީސް ވިދާޅުވިއެވެ. \
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވީ ސިނަމާލެ ބުރިޖުގެ މަސައްކަތުގައި ދިން ސަމާލުކަން މި މަޝްރޫއަށްވެސް ސަރުކާރުން ދިނުމަށެވެ. އަދި ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭ މަސައްކަތް ކުރިއަށްދިޔައީވެސް އެގޮތަށްކަމަށް ވިދާޅުވިއެވެ. އިންޑިޔާ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެގައުމުގެ ސަރުކާރުންވެސް މަޝްރޫއު ހަލުއިކުރުމަށް އިސްކަންދިންކަން ރައީސް ފާހަގަކުރެއްވިއެވެ.
އެ މަޝްރޫއު ނިމޭނެ ސީދާ ތާރީހެއް ވިދާޅުނުވި ނަމަވެސް ރައީސް ވިދާޅުވީ އެމަނިކުފާނު އުންމީދުކުރައްވަނީ އަހަރެއްހައި ދުވަހުގެ ތެރޭ ތިލަމާލޭ ބުރިޖުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް ކަމަށެވެ. ރައީސް ވިދާޅުވީ މި ބުރިޖުގެ މަސައްކަތް ނިމުމަކީ މުޅި މާލޭ ސަރަހައްދުގެ އިގުތިސާދީ އިޖުތިމާއީ ތަރައްގީއަށް އެޅިގެންދާ މުހިއްމު ފިޔަވަޅަކަށްވާނެ ކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު