މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ދިވެހި ޒުވާނުން ބާރުވެރިކުރުވައި މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްގީކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ “ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ތައުލީމީ އަދި އަމަލީ ތަޖުރިބާގެ އިތުރުން ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ މާހައުލުގައި ހުނަރު ދަސްކޮށްދިނުމަށް އެކުލަވައިލައިފައިވާ ތިން މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމްގެ ދަށުން ބާރަ ދާއިރާއަކުން ޖުމްލަ 86 ފުރުސަތު ހުޅުވާލައިފައިވާއިރު، މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު އަށްހާސް ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި މެރިން މެކޭނިކް، މެކޭނިކް، ވެލްޑަރ، ޓިންކަރ، ފައިބަގްލާސް ޓެކްނީޝަން، އަދި އޮޓޯމޮބައިލް މެކޭނިކްގެ ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން އޮޓޯމޮބައިލް އޭސީ މެކޭނިކް، އޮޓޯމޮބައިލް އިލެކްޓްރީޝަން، އިލެކްޓްރީޝަން، މެޝިނިސްޓް، އޭސީ ޓެކްނީޝަން، ބަސް ޑްރައިވަރު، ޓެކްސީ ޑްރައިވަރު އަދި ޕްރޮޖެކްޓް އޮފިސަރުގެ ދާއިރާއިންވެސް ތަމްރީނުވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާގެ އިތުރުން ފަންނީ އަދި ޕްރޮފެޝަނަލް ހުނަރުތައް ދަސްކޮށްދީ، މެންޓަރޝިޕް ފޯރުކޮށްދެވޭނެއެވެ. އަދި ކަސްޓަމަރ ސަރވިސް، ފަޔަރ ސޭފްޓީ، ހޭލުންތެރިކުރުވުމުގެ ތަމްރީނުތަކާއެކު، ކަމާ ގުޅޭ ފަންނީ އަދި އޮޕަރޭޝަނަލް ހާއްސަ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އެމްޓީސީސީން ދާއިމީ ވަޒީފާގެ ފުރުސަތު ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓް ސައްބީސް ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު ދެވަނަ ދުވަހުގެ މެންދުރު ބާރައާ ހަމަޔަށް ވަނީ ހުޅުވާލައިފައެވެ.
ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ ވެބްސައިޓްގެ ކެރިއާ ޕޭޖް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެ ކުންފުނިން އެދެއެވެ. އެމްޓީސީސީގެ އަމާޒަކީ މިފަދަ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދީ، ވީހާވެސް ގިނަ ޒުވާނުން ވަޒީފާގެ މައިދާނަށް ނެރުމާއި، ޤައުމީ މަސައްކަތެއްގެ ގޮތުގައި މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނާއި ހުނަރު ތަރައްގީކުރުމުގައި ދެމިއޮތުމެވެ.










ކިޔުންތެރިންގެ ހިޔާލު