އައްޑޫ ފޭދޫ ސްކޫލުގެ ކެޑޭޓް ކޭމްޕުގައި ކާނާ ވިހަވި ދަރިވަރުންގެ ތެރެއިން މިހާރު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ ދެ ދަރިވަރުންނަށް ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އެ ހޮސްޕިޓަލުގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި އެޑްމިޓްކޮށްފައިވާ ދެ ދަރިވަރުންގެ ހާލުވެސް އަންނަނީ ރަނގަޅުވަމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި އެ ދެ ދަރިވަރުން ހޮސްޕިޓަލުން ދޫކޮށްލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުނިފޯމް ހަރަކާތްތަކުގެ ކޭމްޕްތައް ކުރިއަށްދާއިރު، ފޭދޫ ސްކޫލް ކޭމްޕުގެ ދަރިވަރުންގެ ފަރާތުން ވަނީ ހޮޑުލުމާއި ބޭރަށްހިންގުމުގެ އަލާމާތްތައް ފެނިފައެވެ. ބެލެނިވެރިއަކު މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ބަލިވެފައިވަނީ އެ ސްކޫލުގެ ގްރޭޑް ހަތެއް އަދި އަށެއްގެ ދަރިވަރުންނެވެ.

އިޝްތިހާރު އިޝްތިހާރު

މި ހާދިސާއާ ގުޅިގެން ޖުމްލަ ތިރީސް އެކުއްޖަކަށް އައްޑޫގެ އެކި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. އޭގެ ތެރޭގައި ފޭދޫ ސިއްހީ މަރުކަޒާއި މަރަދޫ ސިއްހީ މަރުކަޒުގެ އިތުރުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ހިމެނެއެވެ.

ފޭދޫ އަދި މަރަދޫ ސިއްހީ މަރުކަޒުން ފަރުވާ ހޯދި ގިނަ ދަރިވަރުން މިހާރު ވަނީ ދޫކޮށްލާފައެވެ. އެ ދަރިވަރުން ބަލިވީ ކާނާ ވިހަވެގެންކަން ހޮސްޕިޓަލުން ޔަގީންކޮށްދީފައިވާއިރު، އެއީ ކޮން އެއްޗެއް ކައިގެން ދިމާވި ކަމެއްކަން ސީދާ އެނގޭނީ ހަދަމުންދާ ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.