ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ، ބޭންކު އެކައުންޓަށް ޖަމާކުރަން ލާޒިމްކޮށް، “ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދު” މިއަދު އިސްލާހުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ގެނައި މި އިސްލާހުގައި ބަޔާންކޮށްފައިވަނީ ބިދޭސީންނަށް ވަޒީފާގެ މުސާރަ ދޭންވާނީ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް ކަމަށެވެ. މި އާ ބަދަލަށް އަމަލުކުރަން ފަށާނީ ގަވާއިދު ޝާއިއުކުރާތާ އެއް މަސްދުވަސް ފަހުންނެވެ.
ބިދޭސީންނަށް މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް މީގެ ކުރިން 2016 ވަނަ އަހަރު ވަޒީފާއާބެހޭ ޤާނޫނަށް ވެސް އިސްލާހު ގެނައެވެ. އެ އިސްލާހުގެ ދަށުން ބިދޭސީންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެކައުންޓަކަށް މުސާރައާއި އިނާޔަތްތައް ޖަމާނުކުރާ ނަމަ ވަޒީފާދޭ ފަރާތްތައް ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް ނަމަވެސް، ސައްހަ ލިޔެކިޔުން ނެތް ބިދޭސީން ގިނަވުމުގެ ސަބަބުން އެކައުންޓް ނުހުޅުވިގެން ޖޫރިމަނާކުރުން ވަކި ހިސާބަކުން މަޑުޖައްސާލަން ޖެހުނެވެ.

ނަމަވެސް މިފަހަރު މި ގަވާއިދު އިސްލާހުކޮށް، ބޭންކު އެކައުންޓަށް މުސާރަ ޖަމާކުރަން އަލުން ލާޒިމްކޮށްފައި މިވަނީ ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް ފަހުގައެވެ. ކުރިން މިކަން ލާޒިމްކުރީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ތެރެއިން %3 ގެ ރެމިޓެންސް ޓެކްސް ދައުލަތަށް ނެގުމުގެ ބޭނުމުގައެވެ.










ކިޔުންތެރިންގެ ހިޔާލު