ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންނަށް އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް ޑިއުޓީއާ ނުލައި އެތެރެކުރުމަށް މީގެ ކުރިން ދީފައިވާ ލުއިތައް، އެކާވީސް އަހަރުން މަތީގެ އެންމެހައި ދަތުރުވެރިންނަށް ލިބޭ ގޮތަށް ދަތުރުވެރިން ގެންނަ ތަކެތިން ޑިއުޓީ މާފުކުރުމުގެ އުސޫލު ސަރުކާރުން މިއަދު އިސްލާހުކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި މި އިސްލާހަކީ ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ އިތުރުން ވިޔަފާރި ސާމްޕަލުގެ ގޮތުގައި ގެންނަ ތަކެތިން ޑިއުޓީ މާފުކުރުމުގެ އުސޫލަށް ގެނެވުނު ބަދަލެކެވެ. މި ބަދަލު ގެނެސްފައިވަނީ ރާއްޖެއިން ބޭރުން އަންނަ މީހުން ގެންނަ ތަކެތީގެ ތެރެއިން ގުޑްސް ޑެކްލަރޭޝަން ހުށަހަޅަން ނުޖެހޭ ތަކެއްޗާ ގުޅޭ މާއްދާއަށެވެ.

ކުރިން އަމަލުކުރަމުން އައި އުސޫލުގައިވާ ގޮތުން، ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ އަށާރަ އަހަރު ފުރިފައިވާ ބޭރުގެ ފަތުރުވެރިން އަމިއްލަ ބޭނުމަށް ގެންނަ ސިނގިރޭޓާއި ސުއްޓާ ފަދަ ތަކެތީގެ ތެރެއިން ދުއިސައްތަ ސިނގިރޭޓް ނުވަތަ ފަސްވިހި ސުއްޓާ ނުވަތަ ދުއިސައްތަ ފަންސާސް ގްރާމުގެ ދުންފަތް ޑެކްލެއާ ކުރަން ނުޖެހޭނެއެވެ. ނަމަވެސް އާ އިސްލާހާއެކު، ވަކި މީހަކީ ފަތުރުވެރިއެއްކަން ބަޔާންކުރާ ބައި ވަނީ އުވާލައިފައެވެ.

އިޝްތިހާރު އިޝްތިހާރު

އާ އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުން އަންނަ އެކާވީސް އަހަރު ފުރިފައިވާ ކޮންމެ ދަތުރުވެރިއަކަށް ވެސް އަމިއްލަ ބޭނުމަށް ދުއިސައްތަ ސިނގިރޭޓް ނުވަތަ ވިހި ސުއްޓާ ނުވަތަ ސަތޭކަ ގްރާމުގެ ދުންފަތް ޑިއުޓީ ދެއްކުމަކާ ނުލައި އެތެރެކުރެވޭނެއެވެ. އެހެންކަމުން މިއީ މީގެ ކުރިން ފަތުރުވެރިންނަށް އެކަނި ލިބެމުންދިޔަ ލުޔެއް ދިވެހި ދަތުރުވެރިންނަށް ވެސް އެއްހަމައެއްގައި ލިބިގެންދާނެ ބަދަލެކެވެ.

މީގެ އިތުރުން، އަމިއްލަ ބޭނުމަށް ރޯލިން ޓޮބޭކޯ ނުވަތަ ދުންފަތް އޮޅުމަށް ބޭނުންކުރާ ބާވަތްތައް އެތެރެކުރާ އެކާވީސް އަހަރުން މަތީގެ ދަތުރުވެރިންނަށް ދޫކުރެވޭނެ ތަކެތީގެ ތަފްސީލު ވެސް އިސްލާހުގައި ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި ފަހަރަކު ސިނގިރޭޓެއް ނުވަތަ ބިޑިއެއް އެނބުރޭ ގޮތަށް ތައްޔާރުކޮށްފައިވާ ކުޑަ މެނުއަލް މެޝިނަކާއި، ސިނގިރޭޓު އަނބުރަން ބޭނުންކުރާ ފަންސާސް ކަރުދާހާއި، ފަންސާސް ފިލްޓަރުގެ އިތުރުން ފަންސާސް ހުސް ޓިއުބު ނުވަތަ ޕައިޕް ހިމެނެއެވެ.

ނަމަވެސް، ޝީޝާ އާއި ފްލޭވާޑް ސިނގިރެޓުގެ ބާވަތްތައް ޑިއުޓީ ނުދައްކައި އެތެރެނުކުރެވޭނެކަން އިސްލާހުގައި ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ވޭޕް މަނާކުރުމާއި، ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓުވުމުގެ މަގުސަދުގައި ޒުވާން ޖީލުތަކަށް އަމާޒުކޮށްގެން ހާއްސަ ގާނޫނީ ފިޔަވަޅުތަކެއް ވެސް ވަނީ އެކުލަވާލައިފައެވެ.