މިދިޔަ ޖުލައި މަހު ހިނގި ކަނޑުމަތީގެ އެކްސިޑެންޓެއްގައި މަޑުނުކޮށް ދިޔަ ދޯންޏެއް ހޯދައި، އެ ދޯނީގެ ކެޕްޓަނުގެ ލައިސަންސް ހިފަހައްޓާފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ، 2026 ޖުލައި 9 ވަނަ ދުވަހުގެ ރޭ، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު، އެ ދޯނި މަޑުނުކޮށް ފިލައިގެން ދިޔުމާ ގުޅިގެން، އެ އުޅަނދު ދެނެގަނެ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން، 2026 އޯގަސްޓް 22 ވަނަ ދުވަހުގެ ހަވީރު 17:52 އެހާކަންހާއިރު މި ދޯނި ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވާ ވަނީ ފެނިފައެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ބުނީ، އެ އުޅަނދު ބަލައިފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.

ތަހުގީގުކޮށް ކަށަވަރުކުރަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ދޯނީގެ ކެޕްޓަނާ ސުވާލުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. އަދި ތަހުގީގީ މަރުހަލާގެ ތެރެއިން ދޯނީގެ ކެޕްޓަނުގެ ލައިސަންސް މިހާރު ހިފަހައްޓާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. އަދި އެކްސިޑެންޓުވި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިގޮތުން ލޯންޗުގެ އެއްފަޅި ހަލާކުވެ ލޯންޗުގެ ސީޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިހުއްޓެވެ.

މި ހާދިސާގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމާއެކު، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.