މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތައްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން މިހާތަނަށް ފުލުހުންނަށް 2201 ވައްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު، މިއީ ރިޕޯޓްކުރެވުނު މުޅި ޖުމްލަ މައްސަލަތަކުގެ %27.4 އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމުލަ 8039 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ:

• މަގުމަތީގެ އެކްސިޑެންޓް: 1,930 މައްސަލަ
• މަސްތުވާތަކެތީގެ މައްސަލަތައް: 1,717 މައްސަލަ
• ގެއްލިގެން ހުށަހެޅި ތަކެތި: 652 މައްސަލަ
• އަނިޔާކުރުން / މާރާމާރީ: 422 މައްސަލަ
• ތަންތަނަށާއި މުދަލަށް ގެއްލުންދިނުން: 407 މައްސަލަ
• ގެވެށި އަނިޔާ: 209 މައްސަލަ
• ޚިޔާނާތްތެރިވުން: 169 މައްސަލަ
• ޖިންސީ މައްސަލަތައް: 167 މައްސަލަ
• ފޭރުން: 100 މައްސަލަ
• ފޯޖަރީ/ކައުންޓަރފީޓް: 35 މައްސަލަ
މި އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކަކީ މިދިޔަ އަހަރުގެ އޮގަސްޓުގެ ނިޔަލަށް ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކަށްވުރެ ގިނަ އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓުގެ ނިޔަލަށް 2193 ވައްކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ވައްކަމުގެ 2207 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ތެރޭގައި އެންމެ ގިނައިން ވައްކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މޭ މަހުއެވެ. މޭމަހު ވައްކަމުގެ 339 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
ކުށުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މި މުއްދަތުގައި ރިޕޯޓުކޮށްފައިވާ މައްސަލަތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރެވެ. އެހެންކަމުން، މިފަދަ މައްސަލަތައް ތަހުގީގުކޮށް، ކުށްތައް މަދުކުރުމަށްޓަކައި ފުލުހުންގެ ޚިދުމަތްތައް ދަނީ އިތުރަށް ވަރުގަދަކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު