ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެ އާއި ވިލިމާލެ ބުރިޖު ބައި ގުޅާލައިފިއެވެ.
ތިލަމާލޭ ބުރިޖު މަޝްރޫއަކީ ރާއްޖޭގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢެވެ.
މި މަޝްރޫޢު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެއާއި މާލެ ގުޅުވައިދޭ ފަހު ސެގްމަންޓު މިހާރު ގުޅާލާފައިވާއިރު، ބުރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް މުޅިން ވަނީ ފުރިހަމަވެފައެވެ. ދެން ކުރިއަށްދާނީ ފިނިޝިންގ މަސައްކަތްތަކެވެ. އެފްކޮންސްއިން މަޢުލޫމާތުދޭ ގޮތުގައި ބުރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް، އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ ފިނިޝިންގ މަސައްކަތްތައް އެއްކޮށް ފުރިހަމަވުމުންނެވެ.

މި މަޝްރޫޢުގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނީ ހައިވޭތަކަކުންނެވެ. އެގޮތުން ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އެކުއެކީގައި ކުރިއަށްދާއިރު، ގުޅިފަޅުގައި ބުރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށާއި ތިލަފުށީގައި ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. ޖުމްލަ 500 މިލިޔަން ޑޮލަރު (7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ) ޚަރަދުވާ މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުގެ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ އިތުރުން ދިވެހި ސަރުކާރުގެ ބައިވެރިވުމާއެކުގައެވެ.
މިހާރު އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނިޔަލަށް މި ބުރިޖުގެ ހުރިހާ މަސައްކަތްތަކެއް ނިންމުމަށެވެ.










ކިޔުންތެރިންގެ ހިޔާލު