ދިއްދޫގައި އަޅަން ފަށާފައިވާ 75 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް ނިންމައި ސަރުކާރާ ހަވާލުކުރުމުގެ މަރުހަލާ ފަށައިފިއެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެސްޖޭ ކޮންސްޓްރަކްޝަންސްއިން ބުނީ ދިއްދޫގައި ޢިމާރާތްކުރާ ހުރިހާ ހައުސިންގެ މަސައްކަތް ނިމިފައިވާކަމަށެވެ. ހއ. އަތޮޅު ވެރިކަން ކުރާ ރަށް ހއ. ދިއްދޫގައި 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މި މަޝްރޫޢުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްއެވެ. އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގޭގެ އިތުރުން ކާގެއާއި، ލޯންޑްރީ އަދި ސްޓޯރ ރޫމް ހިމެނެއެވެ.

އިޝްތިހާރު އިޝްތިހާރު

778550951 1470305715131417 1076429393570537270 n

މަޝްރޫޢު ލަސްވުމާއި ގުޅޭގޮތުން، ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވަނީ، މަސައްކަތްތައް ލަސްވި އެންމެ ބޮޑު އެއް ސަބަބަކީ އެ މަޝްރޫޢު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖައްސާފައި ނެތުންކަމަށެވެ. ނަމަވެސް އެ މައްސަލަތައް ޙައްލުކޮށް މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މި މަޝްރޫޢު އެސްޖޭ ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްފައިވަނީ 120 މިލިޔަން ރުފިޔާއަށެވެ.

ދިއްދޫއަކީ އާބާދީގައި 5000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ރަށުގެ އާބާދީ އިތުރުވުމާއި، ރަށަށް ހިޖުރަކޮށް ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވުމާއެކު، ދިއްދުއަށް ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ.

2008 ވަނަ އަހަރު ދިއްދުއިން ބިން ހިއްކާފައިވެއެވެ. އެތަނުގައި 250 ހައުސިންގ ޔުނިޓް ތަރައްޤީކޮށް އެތަންތަނުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.

ދިއްދޫގައި އިތުރު ހައުސިންގ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ސަރުކާރުންވެސް ވަނީ ނިންމާފައެވެ.