ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވި އެންގެވުމާ އެއްގޮތަށް، އެމްޓީސީސީ ހިޔާ މަޝްރޫއަށް ބިމެއް ހަމަޖެއްސުމަށްޓަކައި އެ ކުންފުނިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މި ހަފުތާގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުގެ އިތުރުން ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން އެ ކުންފުނީގެ ޓަވަރުތައް ވުޖޫދަށް އައިސްފައި ނުވުމަކީ މުވައްޒަފުންގެ ބޮޑު މާޔޫސްކަމެއް ކަމަށެވެ. އެހެންކަމުން މުވައްޒަފުންގެ ހެވާއި ލާބައަށްޓަކައި އެ މަޝްރޫއު އަލުން ކުރިއަށް ގެންދިއުމަށް ބިމެއް ހަމަޖައްސައިދިނުމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ އިސްނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދިވަޑައިގެންނެވިއެވެ.

އެމްޓީސީސީގެ އެދުމަށް އިޖާބަދެއްވައި، އެ ކުންފުންޏަށް ބިމެއް ހަމަޖައްސައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެޗްޑީސީއަށް ސިޓީއަކުން އަންގަވައިފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ރެޔާއި ދުވާލު ބުރަކޮށް މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކުރުމަކީ މިއަދުގެ މެނޭޖްމަންޓުގެ މުހިންމު އަމާޒެކެވެ. މިއީ ހިޔާ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަށް އުންމީދުކޮށްގެން ތިބި މުވައްޒަފުންނަށް ލިބޭނެ ވަރަށް އުފާވެރި ޚަބަރެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
އެމްޓީސީސީގެ މެނޭޖްމަންޓުގެ އަމާޒަކީ ބިން ހަމަޖެހުމާއެކު މި މަޝްރޫއު ވީހާވެސް އަވަހަށް ފެށޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ. އަދި އަބަދުވެސް ކުންފުންޏާއި މުވައްޒަފުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ.








ކިޔުންތެރިންގެ ހިޔާލު