ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މާލީ ތަނަވަސްކަން ހޯދައިދިނުމުގެ މަގުސަދުގައި، ވާލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން “އާރުވެރި މެޗިންގް ގްރާންޓް” ސްކީމް ރަސްމީކޮށް ފަށައިފިއެވެ.
މި ސްކީމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިއަދު އޮތް ހާއްސަ ހަފްލާއެއްގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއެވެ.
ޖުމްލަ 278 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ މި ގްރާންޓް ސްކީމް އަމާޒުކޮށްފައިވަނީ މުހިންމު ހަތް ދާއިރާއަކަށެވެ.

މި ޕްރޮގްރާމުގެ ދަށުން ހޮވޭ މަޝްރޫއުތަކަށް ބޭނުންވާ ޚަރަދުގެ 40 އިންސައްތަ ދިނުމަށް ހަމަޖެހިފައިވަނީ ހިލޭ އެހީގެ ގޮތުގައެވެ. މި ސްކީމްގެ މައިގަނޑު ބޭނުމަކީ މަސްވެރިކަމުގެ ދާއިރާގައި ހަކަތަ އިގްތިސާދުކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި އުފެއްދުންތެރިކަން އިތުރުކުރުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވުމެވެ. މީގެއިތުރުން މެރިކަލްޗަރ ފުޅާކުރުމާއި، މަހުގެ އުފެއްދުންތަކުގެ އަގު އެއްކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވަޒީފާއާއި ވިޔަފާރީގެ އައު ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.
މި ސްކީމާ ގުޅޭ ތަފްސީލުތައް ހިމަނައި، ފަސޭހައިން ފޯމު ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޚާއްސަ ޕޯޓަލެއް (aaruveri.fishagriocean.gov.mv) މިހާރު ވަނީ ތައާރަފުކޮށްފައެވެ.
މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން މަސްވެރިންގެ ފުދުންތެރިކަން އިތުރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ސިޔާސަތެކެވެ.
މި ޕްރޮގްރާމަކީ ވާލްޑް ބޭންކުގެ އެހީގައި 64.8 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކާއެކު 2023 އިން ފެށިގެން 2030 ގެ ނިޔަލަށް ހިންގާ “ޓްރާންސްފޯމް ޕްރޮޖެކްޓް” ގެ މުހިންމު ބައެކެވެ.








ކިޔުންތެރިންގެ ހިޔާލު