އިންޖިނިއަރސް އެވޯޑަށް ނަން ހުށައެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފި އެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނީ އިންޖިނިއަރސް އެވޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އެ ދުވަހު މެންދުރު ފަހު 2:00 އާ ހަމައަށް މިހާރު ނަން ހުށައެޅޭނެ އެވެ.
މި އަހަރު އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ ގިންތިތަކަކީ އިންޖިނިއަރ އޮފް ދަ އިޔަރ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، ޔަންގް އިންޖިނިއަރ އެވޯޑް، ވިމެން އިން އިންޖިނިއަރިންގ އެވޯޑް، އިންޖިނިއަރިންގ އިނޮވޭޝަން ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑް، ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު، އިންޖިނިއަރިންގ ކޮންސަލްޓަންޓް/ ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ އެވޯޑު، ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު، ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު އަދި ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑް އެވެ.

އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް، ސަރުކާރުން ދެއްވަން ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ އޮގަސްޓް 30, 2025 ގަ އެވެ.
ވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު ދެއްވި ޚިތާބުގައި ރައީސް ވިދާޅުވީ އިންޖިނޭރުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެވޭ ޤައުމީ އެވޯޑްގެ އިތުރުން، އިންޖިނޭރުންގެ ޢިލްމީ ދިރާސާތަކަށް ފުރުޞަތު ފަހިކޮށްދެއްވައި، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ، ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރުކުރައްވާނެ ކަމަށެވެ.
މިދިޔަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، “ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީ އެވެ.










ކިޔުންތެރިންގެ ހިޔާލު