ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގދ. ވާދޫގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
މި މަޝްރޫއަކީ އަތޮޅުތެރޭގެ ރަށްރަށުގައި ގާއިމުކޮށްފައިވާ އަމާންކަމާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުގެ ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ.
އާރްޑީސީން މައުލޫމާތު ދޭ ގޮތުގައި އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކުގެ ތެރެއިން ރޫފް ބީމް އަޅަން ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ޝަޓަރިންގ މަސައްކަތްތައް ނިމުމާ އެކު، ދެން ކުރިއަށްދާނީ ބީމްތަކަށް ކޮންކްރީޓް އެޅުމުގެ މަރުހަލާއެވެ.

މި މަޝްރޫއު ނިމި އިމާރާތުގެ މަސައްކަތް ފުރިހަމަވުމުން ވާދޫގައި ފުލުހުންގެ ހިދުމަތް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމަށް ބޭނުންވާ އެކަށީގެންވާ ޖާގައާއި ވަސީލަތްތައް ގާއިމުވެގެންދާނެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު ވަނީ ފުލުހުންގެ ޚިދުމަތް ގާއިމްކޮށްފައެވެ. ފުލުހުންގެ އިމާރާތް ނެތް ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކުރަން އެކި ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. އިމާރާތް ނެތް ރަށްތަކުގައި ފުލުހުންގެ މަރުކަޒު މިވަގުތު ގާއިމްކޮށްފައި ވަނީ ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގައެވެ.










ކިޔުންތެރިންގެ ހިޔާލު