ސްޕެއިންގައި ޕައިލެޓުކަން ކިޔަވަމުންދަނިކޮށް ދަތުރުކުރި މަތިންދާބޯޓު ވެއްޓި އަނިޔާވި އުމުރުން 27 އަހަރުގެ ދިވެހި ދަރިވަރުގެ އޮޕަރޭޝަނެއް ކޮށް، އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އަގޮންސިއޯ އެއާޕޯޓުގައި “ޓަޗް އެންޑް ގޯ” ތަމްރީނުތަކެއް ހަދަމުންދަނިކޮށް، “ފްލައިބައި” ޕައިލެޓް ސްކޫލްގެ “ޓެކްނަމް 2006” މޮޑެލްގެ ދެ އިންޖީނުީ މަތިންދާބޯޓު ގާތްގަނޑަކަށް 300 ފޫޓު މަތިން ވިއާނާގެ އުލާގޯސާ ނަމަކަށް ކިޔާ ދަނޑުވެރިކަން ކުރާ ސަރަހައްދަކަށް ވެއްޓިގެންނެވެ.
ސްޕެއިންގެ “ލަ ރިއޯޖާ” ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ދިވެހި ދަރިވަރުގެ ބޮލަށް އަނިޔާވުމުގެ އިތުރުން އޭނާގެ ތަނބިކައްޓާއި ފައިގެ ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފައެވެ. އަދި ބޯޓުގައި ދެން ހުރި އުމުރުން 26 އަހަރުގެ ފްލައިޓް އިންސްޓްރަކްޓަރުގެ ބޮލަށާއި ކަނދުރާގެ ކަށިތަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މަތީ ތަޢުލީމަށް ދޫކުރާ ލޯނެއްގެ ދަށުން ކިޔަވަމުންދިޔަ މި ދަރިވަރުގެ ހާލު މިހާރު ރަނގަޅުވަމުން އަންނައިރު، އޭނާއާ މިހާރު އާއިލާއިން ގުޅިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެ ދަރިވަރުގެ އޮޕަރޭޝަނެއް ކޮށްފައިވާކަން ދިވެހި ސަރުކާރުގެ ބައެއް މަސްދަރުތަކުން ޔަގީންކޮށްދިން ނަމަވެސް، އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގި މަތިންދާބޯޓުގައި ތިބީ އުދުހުމުގެ 700 އަށްވުރެ ގިނަ ގަޑިއިރު ހަމަކޮށްފައިވާ އިންސްޓްރަކްޓަރަކާއި ތަމްރީނުގެ ފަހު މަރުހަލާގައި އުޅޭ ދިވެހި ދަރިވަރެވެ. މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް ހޯދަން ކުރި މަސައްކަތުން އަދި މައުލޫމާތެއް ލިބިފައިނުވާއިރު، މި މައްސަލަ ސްޕެއިންގެ ސިވިލް އޭވިއޭޝަން ސޭފްޓީ އެޖެންސީން މިހާރު ވަނީ ތަހުގީގު ކުރަން ފަށައިފައެވެ.








ކިޔުންތެރިންގެ ހިޔާލު