ހެންވޭރުގެ ގެއެއްގެ ހަތްވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި ރޭ އަލިފާން ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައި ދިއުމާ ގުޅިގެން، އެ ތަނުގައި ދިރިއުޅެމުން ދިޔަ މީހުންނަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަގުތީ ހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހެންވޭރު ފަހިވަހި ނަމަކަށް ކިޔާ ގެއެއްގެ ހަތްވަނަ ފަންގިފިލާގައި ހުންނަ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. އަލިފާނުގެ ހާދިސާގައި އެ އެޕާޓްމަންޓު ވަނީ އެއްކޮށް އަނދައި ބޭނުންނުކުރެވޭ ވަރުވެފައެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، އެ އެޕާޓްމަންޓުގައި ދިރިއުޅެމުން ދިޔަ ތިން އަންހެނުންނާއި ފިރިހެނަކަށް ފަސް ދުވަހުގެ މުއްދަތަށް ބޭނުންވާ ވަރަށް ކެއިންބުއިމާއި ވަގުތީ ހިޔާވަހިކަން މިހާރު ވަނީ ހަމަޖައްސައިދީފައެވެ. އަދި މި ހާދިސާގައި އެއްވެސް އާންމު ރައްޔިތަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެންގޮސް އަނިޔާވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް އެ ފުލުސް މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި އަލިފާނުގެ ހާދިސާގެ ސަބަބުން އެ އިމާރާތުގެ ބައެއް ފަންގިފިލާތަކަށް ދުމުގެ އަސަރު ފޯރި ނަމަވެސް، އެހެން ފަންގިފިލާތަކުގައި މީހުންނަށް ދިރިނޫޅެވޭ ވަރުގެ ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި މިހާރު އެ ފަންގިފިލާތަކުގައި ދުމުގެ އަސަރެއް ނެތް ކަމަށްވެސް އެންޑީއެމްއޭއިން ބުންޏެވެ.
މި އަލިފާނުގެ ހާދިސާ ހިނガン މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.








ކިޔުންތެރިންގެ ހިޔާލު