ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުންތައް ވަޒަންކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންމެ މުހިންމު އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަންތައް ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން މިކަން ހާމަކުރީ މި ދުވަސްވަރު ރާއްޖެއަށް ކުރިމަތިވެފައިވާ ވިއްސާރައިގައި އެ އޮތޯރިޓީން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

އެ އޮތޯރިޓީގެ ޑިރެކްޓަރ ޕޮލިސީ އެންޑް ޕްލޭނިންގ ކާޝިފް ނަސީރު ވިދާޅުވި ގޮތުގައި، މިހާރުގެ މޫސުމީ ވިއްސާރައާ ގުޅިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓަރކުރަމުންދެއެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން ލިބޭ މަޢުލޫމާތުގެ އަލީގައި އެންޑީއެމްއޭގެ އެމަޖެންސީ މެނޭޖްމަންޓް ޓީމުތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ފެންބޮޑުވާ ސަރަޙައްދުތަކުން ފެން ހިންދުމަށްފަހު، ލިބުނު ގެއްލުންތައް ދެނެގަތުމުގެ އެސެސްމަންޓްތައް ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާނެ ކަމަށާއި، ރިޕޯޓުތައް ލިބުމާއެކު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ކާޝިފް ވިދާޅުވިއެވެ. މީގެއިތުރުން، އެ އޮތޯރިޓީގެ ކޮމިއުނިޓީ ރެޒިލިއަންސް ބިލްޑިންގ ޕްރޮގްރާމްގެ ދަށުން، މީހުން އުޅޭ 72 ރަށެއްގައި ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންތަކާއި ކޮމިއުނިޓީ އެމަޖެންސީ ރެސްޕޮންސް ޓީމުތައް މިހާތަނަށް އެކުލަވާލެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންޑީއެމްއޭއިން މިވަގުތު އެހީތެރިކަން ދެނީ ހަމައެކަނި ދިރިއުޅޭ ގެދޮރަށާއި ގެވެށި ސާމާނަށް ލިބޭ ގެއްލުންތަކަށް އެކަންޏެވެ. ހާދިސާތަކުގައި ގެތަކަށް ފެންވަދެގެން މީހުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހިއްޖެ ޙާލަތެއްގައިވެސް، އެންމެ ބޮޑު އިސްކަމެއް ދެނީ ވީއެންމެ އަވަހަކަށް ފެން ހިންދައި އަނބުރާ ގެއަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އަދި އެގޮތަށް ގެއަށް ވަދެވެން ނެތް ހާލަތްތަކުގައި ސްކޫލް ނުވަތަ ގެސްޓްހައުސް ފަދަ ތަންތަނުގައި ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދޭ ކަމަށް ކާޝިފް ހާމަކުރެއްވިއެވެ.

ކާޝިފް އިތުރަށް ވިދާޅުވީ، ކައުންސިލްތަކާ ގުޅިގެން މި މަސައްކަތް ކުރަނީ ފެން ހިންދުމަށްފަހު، ގެތަކަށް ގޮސް ފޯމު ފުރައިގެން ކަމަށެވެ. އަދި އެ ފޯމުތައް ލިބުމުން، ގެއްލުން ލިބުނު މިންވަރު ބަލައި، އަސާސީ ދިރިއުޅުމަށް ބޭނުންވާ ކަންކަމަށް ރިޢާޔަތްކޮށް ވީހާވެސް އަވަހަކަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ.

އާންމުކޮށް ފެންބޮޑުވާ ސަރަޙައްދުތަކާއި ރަށްރަށުން މޫސުމާ ބެހޭ އިދާރާގެ އިންޒާރުތަކަށް ސަމާލުވެ، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ކާޝިފް ފާހަގަކުރެއްވިއެވެ. އެގޮތުން މޫސުމީ އެލާޓްތަކަށް ބަލައިގެން ޕަންޕުތައް ތައްޔާރީ ހާލަތުގައި ބެހެއްޓުމަށާއި، ފެންވަދެފާނެ ކަމަށް ބެލެވޭނަމަ މުދަލާއި ހިފާގެންގުޅޭ ތަކެތި ރައްކާތެރިކުރުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.