ކުރީގެ މާލޭ މުނިސިޕަލްޓީއަށް ފޯރުކޮށްދިން ކަމަށް ބުނާ މުދާތަކަކާ ގުޅިގެން ސެންޓާ އެންޓަޕްރައިސަސްއިން މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް 168 މިލިއަން ރުފިޔާ ހޯދުމަށް ހުށަހެޅި ދައުވާ ސިވިލް ކޯޓުން ނާކާމިޔާބުވެއްޖެއެވެ.
މި މައްސަލައަކީ 2007 ވަނަ އަހަރު މާލޭ މުނިސިޕަލްޓީއަށް ފޯރުކޮށްދިން ކަމަށް ބުނާ ވެހިކަލްތަކެއްގެ އަގަށްވާ ފަސްދޮޅަސް ފަސް ޕޮއިންޓް ނުވައެއް މިލިއަން ރުފިޔާއާއި، އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ސަތޭކަ ދެ މިލިއަން ރުފިޔާ ހިމެނޭހެން ޖުމްލަ ސަތޭކަ ފަސްދޮޅަސް އަށް މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން ހުށަހެޅި މައްސަލައެކެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ، އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ޓެންޑާ ބޯޑުގެ އިއުލާނަކާ ގުޅިގެން ކަމަށް ބުނި ނަމަވެސް، އެ އެއްބަސްވުމުގައިވާ ނަންބަރަކީ ދެ ހާސް ހަތް ވަނަ އަހަރު އެންމެ ފަހުން ދޫކުރި ޓެންޑަރު ނަންބަރަށްވުރެ މަތީ ނަންބަރެއް ކަމަށް ފިނޭންސް މިނިސްޓްރީން ކޯޓަށް އަންގާފައިވާ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރި ކަމަށް ބުނާ ތާރީޚަކީ ބިޑު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚު ކަމަށްވާތީ، އެ ދުވަހުން އެ ދުވަހަށް ބިޑު ކާމިޔާބުވިކަން އަންގައި އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށް ވެސް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
އެހެންކަމުން، އެފަދަ މުއާމަލާތެއް އޭރު ހިންގާފައިވާކަން މަދަނީ މިންގަނޑުން ސާބިތުނުވާތީއާއި، ދެ ހާސް ހަތް ވަނަ އަހަރު އިންވޮއިސް ފޮނުވުމަށްފަހު މައްސަލަ ކޯޓަށް ހުށަހެޅީ ފަނަރަ އަހަރު ފަހުން ދެ ހާސް ބާވީސް ވަނަ އަހަރު ކަމަށްވާތީ، އެ ފައިސާ ދައްކަން އަމުރު ކުރެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ސެންޓާ އެންޓަޕްރައިސަސްއިން ހެލްތު މިނިސްޓްރީއާ ދެކޮޅަށް ހުށަހެޅި މިފަދަ މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެ މައްސަލައިގައި ވެސް ހެލްތު މިނިސްޓްރީއާއެކު އެފަދަ މުއާމަލާތެއް ހިންގާފައިވާ ކަމަށް ނުބެލެވޭ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ޚާއްސަ އޮޑިޓުން ވަނީ ނިންމާފައެވެ.
ސެންޓާ އެންޓަޕްރައިޒަސްއިން ވަނީ ދެ ހާސް ހަޔަކާއި ދެ ހާސް ނުވަޔާ ދެމެދު ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ ބައެއް މުދަލަށް ލިބެން ޖެހޭ ފައިސާ އާއި، އެ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ފައިސާ ނަގައިދިނުމަށް އެދި ކޯޓަށް މައްސަލަތަކެއް ހުށަހަޅައިފައެވެ.
އެ ކުންފުންޏާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓެއްގައި ވަނީ، ސަރުކާރުގެ އެކި އިދާރާތަކަށާއި ކުންފުނިތަކަށް ސެންޓާ އެންޓަޕްރައިޒަސްއިން ފޯރުކޮށްދީފައިވާ ކަމަށް ބުނާ ބައެއް މުދަލާއި ތަކެތީގެ އަގަށްވާ ފައިސާ ދައްކައިފައި ނުވާ ކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލަތަކުގައި ސައްހަ ނޫން ކަމަށް ބެލެވޭ ލިޔެކިޔުން ހުރި ކަމަށް ތުހުމަތުކޮށްފައެވެ. އެ އޮފީހުން ވަނީ އެ ކުންފުނިން ހުށަހަޅައިފައިވާ ލިޔެކިޔުންތަކުގެ ފޮރެންސިކް ތަހުގީގެއް ހިންގައި، އެކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދިޔުމަށް ލަފާދީފައެވެ.
ވިޔަފާރި ރަޖިސްޓްރީގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި ސެންޓާ އެންޓަޕްރައިޒަސްގެ ހިއްސާދާރުންނަކީ އަހުމަދު ޖާމިޒާއި އަބްދުﷲ އާރިފެވެ. އަދި އެ ކުންފނީގެ މެނޭޖިން ޑިރެކްޓަރަކީ އަބްދުﷲ އާރިފެވެ.








ކިޔުންތެރިންގެ ހިޔާލު