ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރި ފަނޑިޔާރުންނާއެކު އެ ދެ ކޯޓުގެ މަސައްކަތްތައް އިތުރަށް ހަލުއިވެގެންދާނެ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
ޖޭއެސްސީގެ ރައީސް މިހެން ވިދާޅުވީ ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުސްނީ މުބާރިކް މާލޭގެ ދެ ކޯޓަށް ފަނޑިޔާރުން އިތުރުކުރަން ނިންމެވި ސަބަބުތަކުގެ ތަފްސީލު ހާމަކުރެއްވިއެވެ. އެ ކޮމިޝަނުން ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އިތުރު ކުރުމަށް ނިންމީ އެ ދެ ކޯޓަށް ހުށަހެޅޭ މައްސަލަތައް އިތުރުވެ، އެ ދެ ކޯޓުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނާ ހަވާލުކުރަންޖެހޭ މައްސަލަތައް ގިނަވެ، އެކަށިގެންވާ އަވަސްމިނެއްގައި މައްސަލަތައް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް ދިމާވާތީއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް އެކަނިވެސް 1913 އައު މައްސަލަ ހުށަހަޅާފައިވެއެވެ. މިއީ އެ ކޯޓުގައި ތިއްބެވި 17 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް މަހަކު އެވްރެޖުކޮށް 18 މައްސަލައެވެ.

ސިވިލް ކޯޓުގެ މައްސަލަތައް ލަސްވުމުގެ ޝަކުވާ ކޮމިޝަނަށް މުހިންމު މިންވަރަކަށް ލިބެމުންދާކަން ހުސްނީ މުބާރިކް ފާހަގަކުރެއްވިއެވެ. އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސިވިލް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 19 އަށް އިތުރު ކުރުމަށް ކޮމިޝަނުން ނިންމެވީއެވެ. މިވަގުތުވެސް ސިވިލް ކޯޓުގައި 3218 މައްސަލަ ނުނިމި އެބައޮތެވެ. ނަމަވެސް އަލަށް އައްޔަން ކުރެވުނު ފަނޑިޔާރުންގެ މަސައްކަތާއެކު ނުނިމި ހުރި މައްސަލަތައް ނިންމުން އަވަސްވެގެންދާނެ ކަމަށް ޖޭއެސްސީގެ ރައީސް އުއްމީދު ކުރައްވައެވެ.
ކްރިމިނަލް ކޯޓުގެ ހާލަތަށް ބަލާއިރު، އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެ ކޯޓަށް 1098 މައްސަލަ ހުށަހަޅާފައިވެއެވެ. މިއީ އެ ކޯޓުގައި މިހާރު ތިއްބެވި 13 ޤާޟީންގެ ތެރެއިން ކޮންމެ ބޭފުޅަކަށް މަހަކު އެވްރެޖުކޮށް 15 މައްސަލައެވެ. މިހާރުވެސް ކްރިމިނަލް ކޯޓުގައި 1,626 މައްސަލަ ނުނިމި ހުރިއިރު، އަލަށް އައްޔަން ކުރި ފަނޑިޔާރުންނާއެކު އެ ކޯޓުގެ މައްސަލަތަކަށްވެސް އަވަސް ހައްލެއް ލިބިގެންދާނެއެވެ.
ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހުޅުމާލެއަށް ބަދަލުކުރި ފަހުން އެ ކޯޓުގެ މައްސަލަތައް ނިންމުމުގެ ނިސްބަތް ހަލުއިވެފައިވާކަން ޖޭއެސްސީގެ ރައީސް ފާހަގަކުރެއްވިއެވެ. އެ ނަމޫނާގައި ހުރިހާ ކޯޓުތަކުގެ ފަނޑިޔާރުންވެސް މަސައްކަތް ކުރައްވައި، ރައްޔިތުންގެ މެދުގައި ޝަރުޢީ ދާއިރާއަށް އޮތް އިތުބާރު ދެމެހެއްޓުމަށް އެބޭފުޅާ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
ޝަރުޢީ ދާއިރާއިން ކޯޓުތަކުން ގިނަ މައްސަލަތަކެއް ނިންމައި އެދެވޭ ނަތީޖާތަކެއް ހާސިލުކުރަމުންދާކަން ހުސްނީ މުބާރިކް އެނގުނުވިއެވެ. އެހެންނަމަވެސް ޝަރުޢީ ދާއިރާއާމެދު އާންމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުންކަމަށް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކާއި ތިން އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތައް އަވަސްގޮތެއްގައި ނިންމުމަށް އިސްކަންދޭންޖެހޭކަން ފާހަގަކުރެއްވިއެވެ.
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި އިންސާފު ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން މުޅި ޝަރުޢީ ދާއިރާގެ އަގު ވެއްޓިގެންދާނެ ކަމަށް ޖޭއެސްސީގެ ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިއަހަރު ނިމެންވާއިރު ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަށް އެބޭފުޅާ އެދިވަޑައިގެންނެވިއެވެ.








ކިޔުންތެރިންގެ ހިޔާލު