ކުންފުނިތަކާއި، މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް ރަން “ބީއެމްއެލް ވީރަން – ކޯޕަރޭޓްސް” މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ވީރަން މޯލްޑިވްސް އިން އިންތިޒާމުކުރި މި ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސްއާއެކު ވެވިފައިވާ ޕާޓްނަރޝިޕްގެ ދަށުން އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދީގެން ބޭއްވި ހަރަކާތެކެވެ. ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މި ކޯޕަރޭޓް ރިލޭ ރޭހަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އިދާރާތަކާއި، ޖަމްޢިއްޔާތަކަށް ޚާއްސަކޮށްގެން، ކޮންމެ ބައިވެރިޔަކު އެއް ކިލޯމީޓަރު ދުވާ ގޮތަށް، ފަސް ދުވުންތެރިންގެ މައްޗަށް އެކުލެވޭ ރިލޭ ފޯމެޓަކަށް ކުރިއަށްގެންދިޔަ ރޭހެއްކަމަށެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ބޭއްވުނު އެންމެ ފުރަތަމަ ކޯޕަރޭޓް ރިލޭ ރޭސްކަން ފާހަގަކުރަމުން ގައުމީ ބޭންކުން ވަނީ މިއީ ރޭސް ނިންމުމަށް ހޭދަވާ ވަގުތު ބެލުމަށް ޗިޕެއް ރިލޭގެ ބެޓަންގެ އެތެރޭގައި ހިމަނައިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތްކަން ވެސް ފާހަގަކޮށްފައެވެ.

ބޭންކުން ބުނީ މި ދުވުމުގައި 18 ޓީމަކުން ބައިވެރިވިކަމަށެވެ. އޭގެ ތެރޭގައި 11 ފިރިހެން ޓީމާއި ހަތް އަންހެން ޓީމު ހިމެނެއެވެ.
ވަނަވަނައަށް ދިޔަ ފަރާތްތައް:
ފިރިހެނުންގެ ބައި:
* ޗެމްޕިއަން: ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން
* 1ވަނަ ރަނާއަޕް: ރަންއިންމޯޑް އެތުލެޓިކްސް
* 2ވަނަ ރަނާއަޕް: ބޭންކް އޮފް މޯލްޑިވްސް
އަންހެނުންގެ ބައި:
* ޗެމްޕިއަން: ރަންއިންމޯޑް އެތުލެޓިކްސް
* 1ވަނަ ރަނާއަޕް: ކްރޮސްރޯޑްސް އައިލެންޑް ސްޕްރިންޓާސް
* 2ވަނަ ރަނާއަޕް: އޭޑީކޭ ސިނަރޖީ
ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކާއި އިޖުތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް މުޅި ރާއްޖޭގައި ކުޅިވަރުގެ ރޫހު ދިރުވައި އާލާކޮށް، ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ބޭންކުން އަންނަނީ މެދުކެނޑުމެއް ނެތި ގިނަ ޕްރޮގްރާމްތަކަކަށްވެސް އެހީތެރިވަމުންނެވެ.









ކިޔުންތެރިންގެ ހިޔާލު