މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް، މާލެ ސިޓީ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް ކައުންސިލަރުން ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވައި، އެކަމަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. މި މައްސަލައިގައި އަރީޝް މި ރައްދު ދެއްވީ، މާލެ ސިޓީ ކައުންސިލްގެ ޑިޖިޓަލައިޒޭޝަންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކޮށް، ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ދައްކަވާފައިވާ ވާހަކަތަކަކާ ގުޅިގެންނެވެ.
ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ތުހުމަތު ކުރައްވާފައިވާ ގޮތުގައި، 9 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ރައީސް މުޢިއްޒުގެ ގާތް ބޭފުޅެއްގެ މަސްލަހަތު އޮތް ކުންފުންޏަކަށް އެ މަޝްރޫޢުގެ ތެރެއިން ދީފައިވެއެވެ. ނަމަވެސް، މި ތުހުމަތުތައް ދޮގުކުރައްވައި އަރީޝް ވިދާޅުވީ މާލެ ސިޓީ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢަކީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ، އަދި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުން ކައުންސިލް ފްލޯގައި ފާސްކޮށްގެން ކުރިއަށް ގެންދަން ނިންމި މަޝްރޫޢެއް ކަމަށެވެ.
އަރީޝް އިތުރަށް ވިދާޅުވި ގޮތުގައި، މާލެ ސިޓީ ކައުންސިލް ހިންގާ ޤަވާޢިދުތައް ވަރަށް ސާފުކަމަށާއި، ރައީސް ޑރ. މުޢިއްޒު މޭޔަރުކަމުގައި ހުންނެވި އިރު މާލީ ކަންކަމަކީ އެމަނިކުފާނު އަމިއްލަފުޅަށް އެކަނި ނިންމަވާ ކަންކަން ނޫން ކަމަށެވެ. ކޮންމެ މާލީ މުއާމަލާތަކީވެސް ކައުންސިލް ޖަލްސާއަށް އެޖެންޑާ ކުރެވި، ކައުންސިލަރުންގެ މެދުގައި މަޝްވަރާކޮށް، ފްލޯއިން ފާސްކޮށްގެން ކުރިއަށްދާ ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ތުހުމަތުތައް ކުރައްވަމުން ގެންދާ ފަރާތްތަކާ ސުވާލު އުފައްދަވަމުން އަރީޝް ވިދާޅުވީ، އެމްޑީޕީއަށް ނިސްބަތްވާ މޭޔަރަކު ދެ އަހަރު ދުވަހު ކައުންސިލް ހިންގެވިއިރު، އެކަމާ ގުޅޭ އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް ފާހަގަނުވެ، މިހާރު މިފަދަ ތުހުމަތުތަކެއް ކުރަމުންދާ ސަބަބާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑަކީ ރައީސް މުޢިއްޒާ އެއްވެސް ގުޅުމެއް އޮތް ކުންފުންޏެއް ނޫން ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
މާލެ ސިޓީ ކައުންސިލްގެ ބީލަން ހުށަހެޅުމުގެ ނިޒާމު ހިނގަނީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ނޫންކަން މިހާރުގެ މޭޔަރަށް ވެސް ސާފުވާނެ ކަމަށް އަރީޝް ވިދާޅުވިއެވެ. ރައީސް މުޢިއްޒުގެ އަގު ވައްޓާލުމަށް ބައެއް ކައުންސިލަރުން ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް ވިދާޅުވެ، އެ އަމަލުތައް އޭނާ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.









ކިޔުންތެރިންގެ ހިޔާލު