ކަސްޓަމްސްގެ ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަގަނޅު ތަސައްވުރެއް އުފެދޭގޮތަށް އަމަލު ނުކުރެއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ގޮވާލައިފިއެވެ.
ކަސްޓަމްސްއިން މިކަމަށް ގޮވާލާފައި މިވަނީ އެ ޚިދުމަތުގެ ޤާނޫނީ ޒިންމާއާގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
ކަސްޓަމްސްއިން ބުނީ ރާއްޖެއަށް އެތެރެ ކުރާ މުދަލާއި ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާ މަތިކުރެވިފައިވާ ޒިންމާއެއް ކަމަށެވެ. މިގޮތުން ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުން އަދި އުޅަނދުފަހަރު ބަލައި ފާސްކުރުމަށް އެ ސާރވިސްއާއި ބަނދަރުތަކުގައި ޤާއިމްކޮށްފައިވާ ވަސީލަތްތައް ބޭނުން ކުރަމުންދާކަމަށް ވަނީ ބުނެފައެވެ. ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އެހެނިހެން ހޯދުންތަކަށް ރިޔާއަތްކޮށް މުދަލެއް ނުވަތަ ފަސިންޖަރެއް ފިޒިކަލީ ބަލައި ފާސްކުރަން ޖެހިއްޖެނަމަ ޤާނޫނާ ޤަވައިދާ އެއްގޮތްވާ ގޮތުގެ މަތީން، ބަލައި ފާސްކުރާ ކަމަށާއި، އެކަންކަން ތަންފީޒުކުރަނީ ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަށާއި ދިވެހި ރައްޔިތުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަޤްސަދުގައިކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ، ދިވެހިރާއްޖޭގެ ބޯޑަރުގައި މި ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ޤާނޫނާ ޤަވާއިދާ އުސޫލުތަކާއި އެއްގޮތަށް ކަސްޓަމްސްއިން ކުރަމުންދާ ކަމަށެވެ. ކަސްޓަމްސްގެ ޤާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަގަނޅު ތަސައްވުރެއް އުފެދޭގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރެއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ވަނީ ގޮވާލަފައެވެ.









ކިޔުންތެރިންގެ ހިޔާލު