ފުލުހުންގެ މައި މަރުކަޒުން ފެށިގެން ދިފާއީ ވުޒާރާގެ އާ އިމާރާތާ ދެމެދު އޮންނަ އެއްގަމު ތޮށީގެ ސަރަހައްދަކީ ހަމައެކަނި ދިފާއީ ބޭނުންތަކަށް ހާއްސަ ތަނެއް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފަ އެވެ.
ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގުން ފެށިގެން ދޮށިމޭނާ ބިލްޑިންގާ ހަމައަށް އޮންނަ އެއްގަމު ތޮށީގެ ސަރަހައްދަކީ ހަމައެކަނި ދިފާއީ ވުޒާރާގެ ބޭނުންތަކަށް ހާއްސަ ސަރަހައްދެއް ކަމަށާއި އެތަނަށް އާންމު އުޅަނދުފަހަރު ކައިރިކުރުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު ހަނދާންކޮށްދީފި އެވެ.
މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މިއަދުން ފެށިގެން އެ ސަރަހައްދުގެ އެއްގަމު ތޮށްޓަށް ދިފާއީ ވުޒާރާގެ އުޅަނދުތައް ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއް ކަމަށެވެ. މިއީ މީގެ ކުރިން ވެސް ޑިފެންސް މިނިސްޓްރީގެ ބޭނުންތަކަށް، ހާއްސަކޮށް އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ އުޅަނދުފަހަރާއި ޑިންގީތަކަށް ހާއްސަކުރެވިގެން ބޭނުންކުރަމުން އައި ސަރަހައްދެކެވެ. ނަމަވެސް ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ސަރަހައްދު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމާ އެކު، ބައެއް އާންމު އުޅަނދުތަކުން އެ ތޮށްޓަށް ކައިރިކުރަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.

ބޮޑުތަކުރުފާނު މަގުގެ އެންމެ ފަހުން ތަރައްގީކުރި ބައި ހަދާފައި ވަނީ، ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެންނެވެ. އެ މަސައްކަތް ފަށާފައި ވަނީ މާޗު މަހު ކަމަށްވާއިރު، މަސައްކަތް އެއްކޮށް ނިންމައި އެ ސަރަހައްދު އާންމުންނަށް ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
މި ނިންމުމާ އެކު، ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި އެ މުހިންމު ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ދެކެ އެވެ. އާންމު އުޅަނދުފަހަރަށް އެ ސަރަހައްދުގެ ތޮށްޓަށް ކައިރިނުކުރެވުނު ނަމަވެސް، އެ މަގުން ދަތުރުކުރާ އެއްގަމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް އެއްވެސް ހުރަހެއް ނެތް ގޮތަށް މަގު ބޭނުންކުރެވޭނެ އެވެ.









ކިޔުންތެރިންގެ ހިޔާލު