މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީން ލިބުނު އާމްދަނީ ގާތްގަނޑަކަށް 10 އިންސައްތަ އިތުރުވެ، ދައުލަތުގެ ޖުމުލަ އާމްދަނީއަށް 11 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖީއެސްޓީގެ ގޮތުގައި މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވަނީ 9.96 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު 9.09 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.7 އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމުލަ އާމްދަނީގެ ގޮތުގައި 21.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ 24.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11 އިންސައްތައިގެ އިތުރުވުމެއް ކަމަށް ވާއިރު، މިއާއެކު މިއަހަރަށް ދައުލަތުން ލަފާކުރި 40.4 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން މިހާތަނަށް ވަނީ 59.7 އިންސައްތަ ހާސިލުކުރެވިފައެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީ އިތުރުވާން މަގުފަހިވީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، ހާއްސަކޮށް ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވަމުން ދިއުމުންނެވެ. ދައުލަތަށް ލިބޭ ޓެކްސް އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޖީއެސްޓީއެވެ.
މީގެ އިތުރުން، މިއަހަރު ލިބޭނެ ކަމަށް އަންދާޒާކުރި ހިލޭ އެހީގެ މިންވަރުވެސް ވަނީ އިތުރުވެފައެވެ. މިއަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ 374 މިލިއަން ރުފިޔާ ނަމަވެސް، ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 454 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.









ކިޔުންތެރިންގެ ހިޔާލު