ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ދަށަށް ދިއުމުގެ ފުރުސަތު ކުޑަ ކަމަށާއި، މިއީ ސަރުކާރަކަށް ވެސް ހައްލުކުރެވޭނެ ފަސޭހަ މައްސަލައެއް ނޫން ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ހިއްސާދާރު ޗަމްޕާ މުހައްމަދު މޫސާ ވިދާޅުވީ، ޑޮލަރުގެ އަގު އުފުލިގެން ދަނީ އިގްތިސާދުގެ ތެރޭގައި ދައުރުވާ ދިވެހި ރުފިޔާގެ މިންވަރު އިންތިހާއަށް އިތުރުވުމުގެ ސަބަބުން ކަމަށެވެ. އެއްޗެއް ލިބޭ މިންވަރު މާބޮޑަށް އިތުރުވުމުން އޭގެ އަގު ދަށަށްދާ އުސޫލުން، ދިވެހި ރުފިޔާގެ އަގު ވެއްޓި ޑޮލަރުގެ ކުރިމަތީގައި ރުފިޔާ ބަލިކަށިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޑޮލަރު ލިބެން ހުރި މިންވަރު ދަށްވެފައި، ދިވެހި ރުފިޔާގެ ވޮލިއުމް މާބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަކީ މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ދަތިވެފައިވާ ކަމެއް ކަމަށެވެ. އިންޑިއާ، ބަންގްލަދޭޝް، އަދި ސްރީލަންކާ ފަދަ ގައުމުތަކުގައި ވެސް ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ މައްސަލަ އުޅޭކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށާއި މުސާރަ ދިނުމަށް ގިނަ އަދަދެއްގެ ރުފިޔާ އިގްތިސާދުގެ ތެރެއަށް ނެރެފައިވާއިރު، އެއާ އެއްވަރަށް ޑޮލަރުގެ ދައުރުވުން އިތުރުވެފައި ނުވާކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ތަކެތީގެ އަގު ބޮޑުވަމުންދާ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ހަގީގަތުގައި އަގު ބޮޑުވަނީ ތަކެތީގެ ނޫން ކަމަށާއި، އެއީ ފައިސާގެ އަގު ދަށަށް ދިއުމުގެ ނަތީޖާ ކަމަށެވެ. މި މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ އިގްތިސާދުގެ ތެރޭގައި ދައުރުވާ ދިވެހި ރުފިޔާގެ މިންވަރު މަދުކުރުން ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
މިހާރުގެ ސަރުކާރުން ވަނީ ފޮރިން އެކްސްޗޭންޖް ގާނޫނަށް ބަދަލުތަކެއް ގެނެސް، ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ބޭންކަށް މާރުކުރަން މަޖުބޫރުކޮށްފަ އެވެ. ސަރުކާރުން އުއްމީދު ކުރަނީ މި ފިޔަވަޅާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ތިރިވާނެ ކަމަށެވެ. ނަމަވެސް، ޗަމްޕާ މުހައްމަދު މޫސާގެ ނަޒަރުގައި ޑޮލަރުގެ އަގު އަދިވެސް ދާނީ މައްޗަށެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމަށް ވީނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ 21.80 ރުފިޔާގައެވެ.









ކިޔުންތެރިންގެ ހިޔާލު