ފަސް ޤައުމެއްގައި ކިޔަވަން ސްކޯލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ސްކޯލާޝިޕްގެ ފުރުޞަތު ހުޅުވާލާފައިވަނީ އިންޑިއާ، މިސްރު، ޕާކިސްތާނު، ތައިލެންޑް އަދި މޮރޮކޯގައި ކިޔެވުމަށެވެ. މިގޮތުން”ސްކޮލާޝިޕް އިންޑިއާ 2026″ގެ ނަމުގައި ދޭ ސްކޮލަޝިޕްތަކުގައި އިންޑިއާގެ ގުޖަރާތުގެ މަރްވާޑީ ޔުނިވާސިޓީގައި ޑިޕްލޮމާ، ބެޗްލާސް ޑިގްރީ، މާސްޓާސް ޑިގްރީގެ އިތުރުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެ ކޯސްތަކަށް އެދުމުގެ ފުރުސަތު މިމަހުގެ 31 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި މިސްރުގެ އަޒްހަރު ޔުނިވާސިޓީން ވަނީ ޝަރިއާ އެންޑް ލޯގެ ދާއިރާއިން ކިޔެވުމުގެ ފަސް ފުރުސަތާއި، ނެޗުރަލް ސައިންސް މެތަމެޓިކްސް އެންޑް ސްޓެޓިސްޓިކްގެ ދާއިރާއިން ކިޔެވުމުގެ 17 ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގެ ކޯސްތަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޯގަސްޓުމަހުގެ 6އާއި ހަމައަށެވެ.

މީގެ އިތުރުން ޕާކިސްތާނު ހައިކޮމިޝަނުން، އައްލާމާ މުހައްމަދު އިގުބާލް ޔުނިވާސިޓީގައި ކިޔެވުމަށް ހަތް ދާއިރާއަކުން ފުރުސަތު ހުޅުވާލާފައިވާއިރު، އެއީ އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާއި ބިޒްނަސް އެންޑް އިކޮނޮމީއާއި ފުޑް ސެކިއުރިޓީ އެންޑް އިންޓަނޭޝަނަލް ރިލޭޝަނާއި ކޮމްޕިއުޓާ ސައިންސް އެންޑް ޓެކްނޮލޮޖީއާއި އެލައިޑް ހެލްތު ސައިންސާއި މީޑިއާ އެންޑް ލޭންގުއޭޖުގެ އިތުރުން އެގްރިކަލްޗާ އެންޑް ސޯޝަލް ސައިންސްގެ ދާއިރާއިންނެވެ. ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް ދީފައިވާ އެ ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ފުރުސަތު ހަމަވާނީ އޯގަސްޓު މަހުގެ 10ގައެވެ.
މޮރޮކޯއިން 20 ސްކޮލަޝިޕް ދީފައިވެއެވެ. އޭގައި ހިމެނެނީ ބެޗްލާސް ޑިގްރީއަށް ކިޔަވަންދޭ 10 ފުރުސަތާއި މާސްޓާސްއަށް ކިޔަވަންދޭ ފަސް ފުރުސަތާއި، ޕީއެޗްޑީއަށް ކިޔަވަންދޭ ފަސް ސްކޮލާޝިޕެވެ. އެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 30އަށެވެ.
ތައިލެންޑުން ހުޅުވާލާފައިވާ ސްކޯލަރޝިޕްގައި މާސްޓާސް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ނިޔަލަށެވެ.
މި ސްކޯލަރޝިޕްތަކަށް އެދި ހުށައެޅޭނީ ފޯމާއެކު، އެމްކިއުއޭގެ ތައްގަނޑު ޖަހައިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީއަކާއި އެންމެ ފަހުން ކިޔެވި ސްކޫލަކުން ގުޑް ކޮންޑަކްޓް ސެޓްފިކެޓުގެ ކޮޕީއަކާއި އެޗްއައިވީއާއި އެއިޑްސްއާއި ޓީބީ ޓެސްޓު ހިމެނޭ ގޮތަށް ހަދާފައިވާ މެޑިކަލް ރިޕޯޓާއެކުއެވެ.
ސްކޯލަރޝިޕްތަކަށް މަތީ ތަޢުލީމާބެހޭ ވުޒާރާގެ ޕޯޓަލުން ހުށައެޅޭނެއެވެ.









ކިޔުންތެރިންގެ ހިޔާލު