ރާއްޖޭގެ އާބާދީ ބޮޑު 25 ރަށެއްގައި މާލޭގެ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކޮށް، އަންނަ އަހަރުގެ ފަހުކޮޅު އެތަންތަން ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕަލްސް ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ސޯޝަލް ސެންޓަރަކީ ގިނަ އަދަދެއްގެ ޒުވާނުން ބޭނުންކުރާ، ކުޅިވަރުގެ އެކި މުބާރާތްތަކާއި ޖަލްސާތައް ބޭއްވުމަށް މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށެވެ. މިފަދަ މަރުކަޒުތައް ހަމައެކަނި މާލޭގައި ހުރުމުގެ ބަދަލުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް އެ ކޮންސެޕްޓްގެ ތަންތަން ހުންނަންޖެހޭ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވައެވެ.
މިހާރު ވެސް ރާއްޖޭގެ 15 ރަށެއްގައި ސްޕޯޓްސް ކޮމްޕްލެކްސްތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވި އެވެ. މި ތަންތަނަކީ އެއްފަހަރާ 1200 އެއްހާ މީހުންނަށް ކުޅިވަރު ބަލަން ތިބެވޭނެ ޖާގަ ހުންނަ، އަދި އެތެރޭގައި ކުޅެވޭ ހުރިހާ ބާވަތެއްގެ ކުޅިވަރުތައް ކުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަންތަނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ރަށްތައް މި މަޝްރޫއުގެ ތެރޭގައި ހިމަނައި، މި ދައުރުގެ ތެރޭގައި 25 ރަށެއްގައި މި މަސައްކަތްތައް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

“އެހެންވީމަ މިހާރު ރާއްޖޭގެ ގާތްގަނޑަކަށް ފަނަރަވަރަކަށް ރަށުގައި އެދަނީ ސްޕޯޓްސް ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް. މިހާރު ޙަވާލުކުރެވިފަ ޢަމަލީ މަސައްކަތުގެ މަރުޙަލާގައި، މި ތަންތަން ހެދުމުގެ މަސައްކަތް ދަނީ. މި ތަންތަނުގައި ގިނަވެގެން 1200 އެއްހާ މީހުންނަށް އެއްފަހަރާ، ކުޅިވަރު ބަލަން ތިބެވޭ ސީޓިންގ ސްޕެކްޓޭޓަރ ކެޕޭސިޓީގައި ޤާއިމުކުރެވި، އެތެރޭގައި ކުޅެވޭ ހުރިހާ ޒާތެއް، ކުޅިވަރުތައް ކުޅެވޭ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް މި އަޅަނީ.
މި މަޝްރޫއުގެ ދަށުން ހުޅުމާލެއާއި ވިލިމާލޭގައި ވެސް މިފަދަ މަރުކަޒުތައް ގާއިމުކުރާނެ އެވެ. މިފަދަ މަރުކަޒުތަކުގެ ސަބަބުން ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިވެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ މާހައުލު ރަށްރަށުގައި ގާއިމުވެގެންދާނެ އެވެ.
ކުޅިވަރު މަރުކަޒުތަކުގެ އިތުރުން ރަށްރަށުގައި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ހަލުވިކަމާއެކު ކުރިއަށް ގެންދެ އެވެ. މި އަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ގާއިމުކޮށް ނިންމާލެވޭނެ ކަމަށް ރައީސް ޔަގީންކަން ދެއްވި އެވެ. މި ހުރިހާ މަސައްކަތްތަކަކީ ވެސް ރައްޔިތުންގެ ދުޅަހެޔޮކަމާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތުތަކެއްގެ ބައެކެވެ.









ކިޔުންތެރިންގެ ހިޔާލު