ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް، “ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް” (ސަޓާ) ގެ 10 ވަނަ އަހަރީ ހަފުލާ މިއަހަރުގެ އޮކްޓޯބަރު މަހު ރާއްޖޭގައި ބޭއްވުމަށް ނިންމައި، އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މާލޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިއަހަރުގެ އެވޯޑް ހަފުލާގެ އެކި ދާއިރާތަކުން ބައިވެރިވާ ޕާޓްނަރުންނާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާއި، މީޑިއާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
“ހައިރައިޒް” އިން އިސްނަގައިގެން ތައާރަފުކުރި މި އެވޯޑަކީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ. މީގެ ކުރިން މި އެވޯޑް ހަފުލާތައް ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ އަދި ނޭޕާލްގައި ވެސް ވަނީ ބާއްވާފައެވެ.

މި އެވޯޑަކީ ރާއްޖެ، އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝްގެ ރިސޯޓްތަކާއި، ހޮޓާތަކާއި، ސަފާރީތަކާއި، އެއާލައިންތަކުގެ އިތުރުން މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ ބޮޑު އިވެންޓެކެވެ.
މިއަހަރުގެ “ސަޓާ 2026” ގެ ގްރޭންޑް ގާލާ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބާސެލޯ ނަސަންދުރަ މާލޭގައެވެ.
ބާސެލޯ ނަސަންދުރާގައި ބާއްވާ އެވޯޑްސްގެ ޑެސްޓިނޭޝަން ޕާޓްނަރަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނެވެ. ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ގަލްފް ކްރާފްޓް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، ގޯލްޑް ޕާޓްނަރުންނަކީ ހޯކްސް ޕްރައިވެޓް ލިމިޓެޑާއި އެލައިޑް އިންޝުއަރެންސްއެވެ. އެވޯޑްސްގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިރާގެވެ. ސިލްވަރ ޕާޓްނަރުންނަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި މެރިން ވައިބް އަދި ޕްރޯ އޭސީއެވެ.
މި އެވޯޑުގައި ކުރިން ދެމުންއައި ކެޓަގަރީތަކުގެ އިތުރުން މިއަހަރު “އައުޓްސްޓޭންޑިން ޗެފް” އަދި “އައުޓްސްޓޭންޑިން ޔަންގް ހޮޓެލިއާ” އެވޯޑް ވެސް ވަނީ ހިމަނާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަޓާގެ ވައިސް ޕްރެޒިޑެންޓް ސޫރަޖް ޚާން ވިދާޅުވީ، ޕާޓްނަރުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ ހަމައެކަނި ސްޕޮންސާޝިޕެއް ނޫން ކަމަށާއި، މިއީ ސަރަހައްދީ ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
މިއަހަރުގެ 10 ވަނަ އެޑިޝަން ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ އަދި ފާހަގަކޮށްލެވޭ ހަރަކާތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.









ކިޔުންތެރިންގެ ހިޔާލު