އާއްމުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނަށްށް ލިބޭ ބަޖެޓް ކުޑަކަމަށް ޤަބޫލުކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.
ޝަކީލް ވަނީ އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތަކީ އެ ކޮމިޝަނުނުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްބައިކަން ފާހަގަކުރައްވާފައެވެ. ހޭލުންތެރިކުރުމުގެ މަސައްކަތްތައް ފުރިހަމަކުރުމަށް، މިހާރު ހޭލުންތެރިކުރުމަށް ދައުލަތުން ދޭ ބަޖެޓުގެ އިތުރުން، ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ލިބެމުންދާކަން ޝަކީލް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކާއި، އިންތިޚާބުތަކާއި ގުޅުން ހުރި ކަންކަމަށް އާއްމުން ހޭލުންތެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތައް ފުޅާކޮށް، ހަރުދަނާކުރުމަށް ސަމާލުކަން ދެއްވާނެކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑުމެންނަށް ހޭލުންތެރިކުރުމަށް ލިބޭ ބަޖެޓް ކުޑަ. ޑިމޮކްރަސީއަށް ހޭލުންތެރިކުރުވުމަށް ބޭރުގެ ޖަމިއްޔާތަކުން އެބަ އެހީ ބަޖެޓުން ލިބޭ ފައިސާގެ އިތުރުން. އެ މަސައްކަތްތައް އަދިވެސް އަޅުގަނޑުމެން ކުރަމުންދާނަން.” ޝަކީލް ވިދާޅުވިއެވެ.
ޝަކީލް މިފަދައިން ވިދާޅުވެފައިވާ އިރު މިހިނގާ 2026ވަނަ އަހަރު އާއްމުން ހޭލުންތެރިކުރުމަށް އެ ކޮމިޝަނަށް ލިބިފައިވަނީ 350،000 (ތިން ލައްކަ ފަންސާސް ހާސް) ރުފިޔާއެވެ. ފާއިތުވި އަހަރުތަކުގައި ވެސް އެއަދަދަ ހުރީ އެ މިންވަރުގައި ހިފެހެއްޓިފައެވެ.
މި އަހަރު ލިބުނު ބަޖެޓުގެ ތެރެއިން، އާއްމު ހޭލުންތެރިކުރުމާއި ގުޅުންހުރި ކޮންސަލްޓެންސީގެ ބައެއް މަސައްކަތްތައް ކޮމިޝަނުން ދަނީ ކުރަމުންނެވެ. ބަޖެޓް ކަނޑައަޅާއިރު އިލެކްޝަންސް ކޮމިޝަނުން އެންމެ ބޮޑު ކަންބޮޑުވުމެއް ހިއްސާކުރާ އެއްކަމަކީ ހޭލުންތެރިކުރުމަށް ކަނޑައަޅާ ބަޖެޓު ކުޑަވުމެވެ. އެ ކޮމިޝަނަށް ލިބޭ ބަޖެޓް ކުޑަވުމަކީ ހޭލުންތެރިކުރުމަށް ދެމެހެއްޓެނެވި މަސައްކަތްތަކެއް ކުރުމަށް އޮތް ގޮންޖެހުމެއްކަން ފާހަގަކޮށް ހޭލުންތެރިކުރުމަށް ކަނޑައަޅާ ބަޖެޓް އިތުރުކޮށްދިނުމަށް ކޮމިޝަނުން ކޮންމެ އަހަރަކު ވެސް ބަޖެޓާއި މެދު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަމުން ފާހަގަކުރެއެވެ.
ރަށްރަށަށް ޒިޔާރަތްކޮށްގެންނާއި، މީޑިއާގެ ވަސީލަތްތަކުގެ އިތުރުން މީސްމޑީިއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އާއްމުން ހޭލުންތެރިކުރުމަށް އީސީން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް އެ ކޮމިޝަނުން ފާހަގަކުރައްވައެވެ. އިންތިޚާބުތަކަށް ސީދާގޮތުން ވާތައްޔާރީތަކުގެ އިތުރުން، އިންތިޚާބީ ނިޒާމާއި އެހެނިހެން އިންތިޚާބުތަކާއި ގުޅުން ހުރި މައުލޫމާތުތައް އީސީން ފޯރުކޮށްދެއެވެ.











ކިޔުންތެރިންގެ ހިޔާލު