ދިވެހިރާއްޖޭގެ ސްކައުޓު ޖަމްޢިއްޔާގެ ފަރާތުން “ސަދަން ކުއެސްޓް 2026” ގެ ނަމުގައި ސަރަހައްދީ ކޭމްޕެއް މި މަހުގެ 9 އަކުން 11 އަށް އައްޑޫ ސީޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ބާއްވައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ކޭމްޕަކީ އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ދިރިއުޅޭ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ސްކައުޓުންނާއި ސްކައުޓު ހަރަކާތުގައި ނޫޅޭ ކުދިންނަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްދިޔަ ކޭމްޕެކެވެ. މިއީ، މި ގޮތަށް އާންމުކޮށް ހުޅުވާލައިގެން ދިވެހިރާއްޖޭގެ ސްކައުޓު ޖަމްޢިއްޔާއިން ކުރިއަށްގެންދިޔަ ފުރަތަމަ ކޭމްޕެވެ. މިގޮތުން، މި ކޭމްޕުގައި ޖުމްލަ 151 ބައިވެރިން ބައިވެރިވިއިރު، ކޭމްޕުގެ ހަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުމަށް 40 ލީޑަރުންނާއި ވޮލަންޓިއަރުން އަމަލީގޮތުން ހަރަކާތްތެރިވެފައިވެއެވެ.
މި ކޭމްޕުގެ ތެރެއިން ކޭމްޕުގެ ބައިވެރިންނަށް އެކި ކަންކަން ދަސްކޮށް ތަފާތު ކަންކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ. މިގޮތުން، ދިވެހި ދިފާޢީ ބާރުގެ އެހީތެރިކަމާއިއެކު، މޫދުގެ އެކި ހަރަކާތްތައް ކުރިއަށްދިޔައިރު، ދިވެހި ފުލުހުންގެ އެހީތެރިކަމާއިއެކު، ރެޕްލިން ތަޖުރިބާ ކުރުމުގެ ފުރުސަތުވެސް ކޭމްޕުގެ ބައިވެރިންނަށް ލިބިގެންދިޔައެވެ. މީގެއިތުރުން، ސްކައުޓު ޕެޓްރޯލް ސިސްޓަމާއި ކޭމްޕު މާހައުލަށް ކުދިން އަހުލުވެރިކުރުމުގެ އިތުރުން، ގެޖެޓު ހަދާނެ ގޮތާއި ފުރަތަމަ އެހީއާއި ގުޅޭ ކަންކަމާއި ހުނަރު މި ކޭމްޕުގެ ތެރެއިން ކުދިން ވަނީ ދަސްކޮށްފައެވެ.

މި ކޭމްޕު ކުރިއަށް ގެންދެވިފައިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއިއެކުއެވެ. މިގޮތުން، މި ކޭމްޕުގެ މެއިން ޕާޓްނަރ ސްޓޭޓް ޓްރޭޑިންގް އޯގައިނައިޒޭޝަން އާއި ސިލްވަރ ޕާޓްނަރ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް އަދި ހޮސްޓިންގް ޕާޓްނަރ ދިވެހި ފުލުންގެ ޚިދުމަތުގެ އިތުރުން، ދިވެހި ދިފާޢީ ބާރު، މޯލްޑިވިއަން އެއަރލައިން، މޯލްޑިވްސް އެއިރޭޓެޑް ވޯޓަރ ކޮމްޕެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، ވަން ޑިގްރީ ސައުތް ޕްރައިވެޓް ލިމިޓެޑް، ސިޓީ ފިއުލް ސަޕްލައި ޕްރައިވެޓް ލިމިޓެޑް، ފައިސް މާޓު، ދަ ގްލޫޓަން ފިހާރަ އަދި އައްޑޫ ސިޓީ ކައުންސިލުން ދެއްވި އެއްބާރުލުން ފާހަގަކޮށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.
މި ކޭމްޕަކީ ސައުދީ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު، ވޯލްޑް ސްކައުޓިންގ އަދި ވޯލްޑް ސްކައުޓް ފައުންޑޭޝަން އާ ގުޅިގެންކުރިއަށްގެންދާ “މެސެންޖާސް އޮފް ޕީސް ފަންޑު” ގެ ދަށުން މި ޖަމްޢިއްޔާއިން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމުގައިވާ “ޔޫތް ލީޑަރޝިޕް އެންޑް މެންބަރޝިޕް ގްރޮތް” ގެ ތެރެއިން ކުރިއަށްގެންގޮސްފައިވާ ކޭމްޕެކެވެ. މި ކޭމްޕުގެ އިތުރުން، މި ޕްރޮޖެކްޓުގެ ތެރެއިން އިތުރު ލީޑަރޝިޕް ކޭމްޕުތަކެއް ރާއްޖޭގެ އެކި ސަރަހާއްދުތަކުގައި ހިންގުމަށް ވަނީ ހަމަޖެހިފައިވާކަމަށް ސްކައުޓު ޖަމްޢިއްޔާއިން މައުލޫމާތުދެއެވެ.









ކިޔުންތެރިންގެ ހިޔާލު