ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްސަ ކޭމްޕެއް ފަށައިފިއެވެ.
މި ކޭމްޕަކީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން ކުރިއަށްގެންދާ ކޭމްޕެކެވެ. މި ކޭމްޕުގައި އެކިބަލިތަކަށް ޚާއްސަ 10 ޑޮކްޓަރުން ބައިވެރިވެއެވެ.
މިއަދުން ފެށިގެން މިމަހުގެ 11އަށް ކުޅުދުއްފުށީގައި ކުރިއަށްގެންދާ މި ކޭމްޕުގައި އާންމު އަދި ލެޕްރޮސްކޯޕިކް އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރަކާއި، އަންހެނުންގެ ބަލިތަކާއި ވިހެއުމަށް ޚާއްސަ ޑޮކްޓަރަކާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި، ޕްލާސްޓިކް އެންޑް ރިކޮންސްޓްރަކްޓިވް އަދި އެޑްވާންސް ވޫންޑް ކެއާރއަށް ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ގޮހޮރު އަދި ބެރިއޭޓްރިކް އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރެއް ހިމެނެއެވެ.

ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރަކާއި ނާރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން އާންމު އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރެއްވެސް މި ކޭމްޕުގައި މަސައްކަތްކުރާނެއެވެ.
ޞިއްޙީ ވުޒާރާއާއި ހޮސްޕިޓަލްތައް ގުޅިގެން ކުރިއަށްގެންދާ މިފަދަ ކޭމްޕުތަކަކީ އަތޮޅުތަކުގެ ރައްޔިތުންނަށް ރަށްރަށުގައި ތިބެގެން ފަސޭހަކަމާއެކު ޞިއްޙީ ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ކޭމްޕުތަކެއްކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
މިމަސައްކަތުގެ ތެރެއިން މިދިޔަމަހު ތިނަދޫ ސިޓީގައި ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައިވެސް ވަނީ އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްސަ ކޭމްޕެއް ކުރިއަށްގެންގޮސްފައެވެ.
މިފަދަ ކޭމްޕުތަކުގެ ސަބަބުން ޞިއްޙީ ޚިދުމަތްތަކަށް އޮތް ފުރުޞަތުތައް އިތުރުކޮށް، ފެންވަރު ރަނގަޅު ފަރުވާ ރައްޔިތުންނާ ގާތަށް ގެންގޮސްދެވޭނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.









ކިޔުންތެރިންގެ ހިޔާލު