ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދިޔަ މަޝްރޫއު އެއްކޮށް ނިންމާލައި، މިރޭ އާންމުންނަށް ލިފްޓުތައް ހުޅުވާލަން ތައްޔާރުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ކުރިން ހުރީ ތިން ލިފްޓު ނުވަތަ ހަތަރު ލިފްޓެވެ. ބައިލައްކައަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ މި ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމުގައި އާންމުންނަށް ވަރަށް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް، މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އަލަށް ހަރުކުރި ލިފްޓުތައް ހުޅުވާލުމާއެކު، ރައްޔިތުންނަށް އުފުލަންޖެހިފައިވާ ތަކުލީފުތަކަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
ހިޔާގެ ކޮންމެ ޓަވަރެއްގައި ޖާގަ ތަނަވަސް އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، ކޮންމެ ޓަވަރެއްގައި އަލަށް ހަރުކުރި ދެ ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ޖާގަ ތަނަވަސް ލިފްޓުތަކެކެވެ. އެގޮތުން، ކޮންމެ ލިފްޓެއްގައި 21 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ ހުންނާނެއެވެ.

މީގެ އިތުރުން، މި ލިފްޓުތައް ފަރުމާކޮށްފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. މި މަޝްރޫއު އެއްކޮށް ނިންމައިލެވިފައިވާއިރު، މިއީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށް ލިބިގެންދިޔަ ދާއިމީ ހައްލެކެވެ.









ކިޔުންތެރިންގެ ހިޔާލު