ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 110 ނަންބަރު ފުލެޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. 100 ނަންބަރު ފްލެޓުގެ އެންމެ ތިރީ އެޕާޓްމަންޓެއްގައި ހިނގި މިހާދިސާގައި އެކި ވަރުގެ ގެއްލުންތަކެއް ލިބުނު 3 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މި ހާދިސާގެ މައުލޫމާތު ރޭ 01:10 ހާއިރު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް 01:23 ހާއިރު އަލިފާން ނިއްވާލާފައެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިންގ ރޫމުގައި އޮތް 'ޓޫލް މެލްޓިންގ ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ބެލެވޭކަމަށެވެ.

މި ހާދިސާ ހިނގިއިރު އެ އެޕާޓްމަންޓުގައި ދިރިއުޅޭ 7 މީހުންގެ ތެރެއިން 5 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. މީގެ ތެރޭގައި 2 ކުޑަކުދި ންނަށާއި ބޮޑު 3 މީހުން ހިމެނެއެވެ. މީގެތެރެއިން މިހާރު ފަރުވާދެމުންދަނީ ދެމީހަކަށެވެ. އެއީ އަތް ފިހިގެން ފަރުވާ ހޯދަމުންދާ ފިރިހެނަކާއި، ދުމުގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫވި ފިރިހެނެކެވެ. ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވިގޮތުގައި، ފިހިގެން ފަރުވާދެމުންދާ މީހާގެ އަތާއި ފައިގެ %12 ވަނީ ފިހިފައެވެ.

އިޝްތިހާރު އިޝްތިހާރު

މި ހާދިސާގެ ސަބަބުން އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިތުރަށް ދިރިނޫޅެވޭ ވަރަށް ތަން ވަނީ ހަލާކުވެފައެވެ. އެންޑީއެމްއޭ އިން މިހާރު ދަނީ އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ ކަންކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.