މާލޭގެ ގެއެއްގެ ތެރޭގައި ގޭސް ލީކުވެ، ހާލު ދެރަވި ދެ މީހުންގެ ތެރެއިން 19 އަހަރުގެ އަންހެން ކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
އިއްޔެ ހެނދުނު ހިނގި މި ހާދިސާއާ ގުޅިގެން އައިޖީއެމްއެޗަށް ގެންދިޔަ ދެ މީހުންގެ ތެރެއިން ނިޔާވެފައިވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ.
މި ހާދިސާ އާއި ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން، އިއްޔެ ހެނދުނު 10:34 ހާއިރު މާފަންނު ދިލްކްޝާ ގޯޅީގައި ހުންނަ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ހާލު ދެރަވެފައި ތިބިކަމުގެ ރިޕޯޓު ފުލުހުންގެ ޚިދުމަތަށް ވަނީ ލިބިފައެވެ.

ހާލު ދެރަވެގެން މި ދެ މީހުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މީގެ ތެރެއިން ޒާހިދާ ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި 19 އަހަރުގެ އަންހެން ކުއްޖާ އަށް ފުރަތަމަ އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު، މިހާރު ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުގެ ހައިޕަބެރިކް ޗެމްބާގައި އޭނާއަށް ފަރުވާދެމުން އަންނައިރު، ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، މި ހާދިސާގައި ނިޔާވި ޒާހިދާ އާއި އޭނާގެ 19 އަހަރުގެ ދަރިފުޅަކީ އެ ގޭގައި ދިރިއުޅޭ ހަމައެކަނި ދެ މީހުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފުވެފައި ނުވި ނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު