ބަނގުރާ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ބަންގްލަދޭޝްގެ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަލް ނޫމާން އާއި 20 އަހަރުގެ ރަކީބުލް ހަސަން ޕަޕޫން އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު އިތުބާރު ހުރި މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި މި އޮޕަރޭޝަންގައި، އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލް ނޫމާން (31އ) ފަސް ދުވަހަށް އަދި ރަކީބުލް ހަސަން ޕަޕޫން (20އ) 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގައި މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރި ހުއްޓުވުމަށް ސަރުކާރުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.












ކިޔުންތެރިންގެ ހިޔާލު