މެންޓަލް ހެލްތު ހޮސްޕިޓަލު އިމާރާތްކުރުމަށް ހުޅުމާލެއިން 10000 އަކަފޫޓުގެ ބިމެއް ކަނޑައަޅައިފައިވާކަން ހެލްތު މިނިސްޓަރު ޤީލާ ޢަލީ ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޤީލާ ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްސަ ހޮސްޕިޓަލެއް އިމާރާތްކުރުމަށް ބޭނުންވާ ބިން ހުޅުމާލެއިން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތަކީ ސަރުކާރުން އިސްކަންދީގެން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމަށް އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ފަންނީ މީހުން ބޭނުންވާ ކަމަށެވެ.
މިފަދަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ގާއިމުކުރުމަށް ނިންމީ އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް އެންމެ ފަސޭހައިން ލިބެން ހުރީ އެ ސަރަހައްދުގައި ކަމަށްވާތީއެވެ. މިނިސްޓަރު ޤީލާ ފާހަގަކުރެއްވި ގޮތުގައި، ނަފުސާނީ ބަލިތަކަށް ބޭނުންވާ ޚާއްސަ ޓެސްޓުތަކާއި ފަރުވާތަކަށް ބޭނުންވާ ވަސީލަތްތައް ޖަމާވެފައިވަނީ މާލެ ސަރަހައްދުގައެވެ. މި ސަބަބާ ހުރެ، ބަލިމީހުންނަށް އެންމެ ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމަށް މި ހޮސްޕިޓަލު މާލެ ސަރަހައްދުގައި ހުރުމަކީ މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މެންޓަލް ހެލްތު ހޮސްޕިޓަލު އެޅުމުގެ މަސައްކަތް ކުރިން ރާވައިފައި އޮތީ ބޭރުގެ އެހީތެރިކަމާއެކު ލޯނު ނަގައިގެންނެވެ. ނަމަވެސް، ލޯނު ހޯދުމުގެ ޕްރޮސީޖާ ދިގުލައިގެން ދިއުމާއި ލަސްތަކެއް ކުރިމަތިވުމުގެ ސަބަބުން، ސަރުކާރުގެ ސީދާ ބަޖެޓުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފައެވެ. މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ރައީސް މިކަން ހާމަކުރައްވަމުން ވިދާޅުވީ، މަޝްރޫއުތައް ލަސްވުމުގެ ސަބަބުން ސިއްހީ ޚިދުމަތްތަކަށް ބުރޫއެރުމަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ހޮސްޕިޓަލު އެޅުމަށް ކުރިން މަސައްކަތްކުރި ލޯނު ފެސިލިޓީ، ސިއްހީ ދާއިރާގެ އެހެން ކަންކަމަށް ބޭނުންކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ކުރިން މި ހޮސްޕިޓަލު ގާއިމުކުރަން ނިންމައިފައި އޮތީ ލ. ގަމުގައެވެ.












ކިޔުންތެރިންގެ ހިޔާލު