ޖެނެރަލް ކާގޯގެ ގޮތުގައި ރާއްޖެއަށް އެތެރެކުރަން އުޅުނު ފަސްހާސް ހަސަތޭކަ ވޭޕް ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއް ފާސްކޮށް އޭގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ. ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި ފެނިފައިވަނީ ޖެނެރަލް ކާގޯގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން ޖުމްލަ 5600 ވޭޕް ކާޓްރިޖު ހޯދައި، އެ އިދާރާގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެވިފައެވެ. މި އޮޕަރޭޝަންގެ ވީޑިއޯއެއް ވެސް ކަސްޓަމްސް އިން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. ނަމަވެސް، އެއީ ކޮން ގައުމަކުން ގެނައި، ކޮން ބަޔަކު އެތެރެކުރަން އުޅުނު ތަކެއްޗެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި އަތުލައިގަތުމުގެ ކުރިންވެސް ކަސްޓަމްސް އިން ވަނީ ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު މިފަދަ ތަކެތި އަތުލައިގެންފައެވެ. އެގޮތުން މާލޭގެ ވިޔަފާރި ބަނދަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޕޮޓޭޓޯ ޗިޕްސް ދަޅުތަކަކާއި ޗޮކްލެޓް ޕައުޑާ ޕެކެޓުތަކެއްގައި ފޮރުވާފައި ހުރި 1108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް ވަނީ ހޯދާފައެވެ. މީގެ އިތުރުން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވެސް ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1940 ވޭޕް ކާޓްރިޖު ކަސްޓަމްސް އިން އަތުލައިގެންފައިވެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން ވަނީ ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކޮށްފައެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ވަނީ ކަނޑައަޅާފައެވެ. މި ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، އެކި ފަހަރު މަތިން ގަވާއިދާ ހިލާފަށް ރާއްޖެއަށް ވޭޕް އެތެރެކުރަން އުޅެނިކޮށް ކަމާބެހޭ ފަރާތްތަކުން ދަނީ އަތުލައިގަންނަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު