މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އިރާޤާ ވާދަކޮށް ނޯވޭގެ ފެށުން ރަނގަޅުކޮށްފިއެވެ.
ރޭ ނޯވޭއާއި އިރާޤް ބައްދަލުކުރި މެޗު ނޯވޭއިން ކާމިޔާބުކުރީ 1-4އިންނެވެ. މިއާއެކު ފްރާންސް ހިމޭނޭ ގްރާުޕް އައިގައި ނޯވޭ ވަނީ ގްރޫޕްގެ އެންމެ ކުރިއަށް ޖެހިލާފައެވެ. މިމެޗުގައި ނޯވޭގެ ފުރަތަމަ 2 ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ވޯލްޑް ކަޕް ކޮލިފައިންގައިވެސް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހެދި މަޝްހޫރު ފޯވާޑް އާލިންގ ބްރައުޓް ހާލަންޑެވެ. ފުރަތަމަ ހާފްގައި ވޯނޭ ލީޑު ނެގުމާއެކު އިރާޤުން ވަނީ 39 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް އައިމަން ހުސެއިންއެވެ.
ނަމަވެސް އޭގެ 4 މިނެޓު ފަހުން ހާލަންޑް ވަނީ ދެވަނަ ފަހަރަށް ނޯވޭއަށް ލީޑު ނަގާދީފައެވެ. ދެވަނަ ހާފްގައި ނޯވޭގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ބަދަލުކުޅުންތެރިއަކަށް ނިކުތް ޑިފެންޑަރު ލިއޯ އޮސްޓިގާޑެވެ. އަދި ނޯވޭގެ 4 ވަނަ ލަނޑަކީ މެޗުގެ އިތުރުވަގުތުގައި އިރާޤް ކުޅުންތެރިއެއް ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.
28 އަހަރުގެ މެދު ކެނޑުމަކަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅުނު ނޯވޭ ޓީމަކީ ގިނަ ތަރިންތަކެއް ހިމެނޭ މޮޅު ޓީމެކެވެ.










ކިޔުންތެރިންގެ ހިޔާލު