ލުބުނާނުގެ ދެކުނުގައި އިސްތިއުމާރީ ސިފައިން ލުބުނާނު ސިފައިންގެ ވެހިކަލަކަށް ޑްރޯން ހަމަލާއެއްދީ އެތައް ސިފައިން މަރާލައިފިއެވެ.
އިސްތިއުމާރީ ސިފައިން ޑްރޯން ހަމަލާ ދީފައިވަނީ ލުބުނާނުގެ ދެކުނުގެ މަރްޖައޫންގައި ދަތުރުކުރި ލުބުނާނު އަސްކަރިއްޔާގެ ވެހިކަލަކަށެވެ.
މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ލުބުނާނު ސަރުކާރުން ދެކުނަށް ފޮނުވި ސިފައިންގެ ފައުޖުގެ އިސް ކޮމާންޑަރުވެސް ހިމެނެއެވެ.
މި ހަމަލާގައި ވެހިކަލްގައި ދަތުރުކުރި ހުރިހާ ސިފައިން މަރުވެފައިވާ ކަމަށް ލުބުނާނު މީޑިއާއިން ބުނެއެވެ. ނަމަވެސް އެއީ ކިތައް މީހުންކަމެއް ނުބުނެއެވެ.
ލުބުނާނު ސިފައިންގެ ފައުޖެއް ލުބުނާނުގެ ދެކުނުގެ ޑެބައިން ނަމަކަށްކިޔާ ސަރަހައްދަށް ދިޔައީ، ލުބުނާނު ސަރުކަރާއި އިސްތިއުމާރީ ދައުލަތާ ދެމެދު ވޮޝިންޓަންގައި ވެވުނު އެއްބަސްވުމުގެ ދަށުން އިސްތިއުމާރީ ސިފައިން އެ ހިސާބުން ފޭބުމުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަމާ ހަވާލުވުމަށެވެ.
އިސްރާއީލު ސިފައިން ޑްރޯން ހަމަލާދިން ވެހިކަލްގައި ދަތުރުކުރި ކޮމާންޑަރަކީ، އިސްތިއުމާރީ ސިފައިން ފޭބި ސަރަހައްދުގައި ލުބުނާނު ސިފައިންގެ ފައުޖު ރުކުރުވާލުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ލުބުނާނު އަސްކަރިއްޔާއިން ފޮނުވި އިސް ޖެނެރަލްއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިސްތިއުމާރީ ސިފައިން ލުބުނާނު ސިފައިންގެ ވެހިކަލްއަށް ހަމަލާދިނީ، ޑެބައިން ސަރަހައްދަށް ޒިޔާރަތް ކުރުމަށްފަހު މަރްޖައޫންގައި ހުންނަ ލުބުނާނު ސިފައިންގެ ބޭހަށް އެނބުރި ވަޑައިގަންނަވަނިކޮށެވެ.
ލުބުނާނުގެ ދެކުނުގައި ވަކި ޚާއްސަ ޒޯންތަކެއް ހަދައި، އެ ޒޯންތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ލުބުނާނު ސިފައިންނާ ހަވާލުކުރުމަށް ލުބުނާނާއި އިސްރާއީލާ ދެމެދު ވޮޝިންޓަންގައި އެއްބަސްވެފައި ވެއެވެ.
އެގޮތުން، ފުރަތަމަ ކަނޑައެޅި ޒޯނަށް ލުބުނާނުން ފޮނުވި ސިފައިންގެ ކޮމާންޑަރާއި، އިތުރު ސިފައިންތަކަކަށް ޓެރަރިސްޓުން ހަމަލާދީ މަރާލީއެވެ.
އިސްރާއީލާއެކު ސުލްހަ ހެދުމުގެ ވާހަކަތައް ލުބުނާނުގެ ރައީސް ޖޯސެފް އައޫން ދެއްކެވީ އިއްޔެއެވެ.
ލުބުނާނުގައި ސުލްހަ ގާއިމް ނުކުރެވިގެން އުޅެނީ އީރާނާއި ހިޒްބުﷲއާ ހެދި ކަމަށް ލުބުނާނުގެ ރައީސް ވިދާޅުވިއިރު، އިސްތިއުމާރީ ސިފައިން ރެއާއި މިއަދުވެސް ގެންދަނީ ލުބުނާނުގެ ދެކުނަށް ބޮންއަޅައި އާންމުން މަރަމުންނެވެ. އަދި ލުބުނާނުގެ ދެކުނުގެ އެތައް އަވަށަކުން އާންމުން ނުކުމެގެން ދިއުމަށް މިއަދުވެސް އިންޒާރު ދެމުން އެބަ ގެންދެއެވެ.
ލުބުނާނު ސަރުކާރާއި އިސްރާއީލުގެ މަންދޫބުން ވޮޝިންޓަނަށް ގެންގޮސްގެން އެކުލަވާލި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި މައިގަނޑުގޮތެއްގައި ހިމަނާފައިވަނީ ހިޒްބުﷲގެ އަތުން ހަތިޔާރު އަތުލައި، ހިޒްބުﷲގެ ބާރު ނެތިކޮށްލާނެ ގޮތްތަކެއް ހޯދުމުގެ ވާހަކައެވެ.
ހިޒްބުﷲއިން އަންގަމުން ގެންދަނީ، އިސްތިއުމާރީ ބާރުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު އަދި އިސްތިއުމާރީ ސިފައިން ލުބުނާނުގެ ބިމުން އެއްކޮށް ނުފައިބަނިސް، ހަމަލާތައް ހުއްޓާނުލާނޭ ކަމަށެވެ.
ލުބުނާނު ސަރުކާރުން ދެކުނަށް ފޮނުވި ސިފައިންގެ ކޮމާންޑަރަކާއި އެތައް ސިފައިންނަށް އިސްތިއުމާރީ ސިފައިން ހަމަލާދީ މަރާލުމަކީ ލުބުނާނުގެ ރައީސާއި، ހިޒްބުﷲއާ ދެކޮޅަށް ވާހަކަ ދައްކާ ލުބުނާނު ވެރިންގެ މޫނުމަތީގައި އިސްތިއުމާރީ ބާރުން ޖެހި ވަރުގަދަ އެތިފަހަރެކެވެ. އިސްތިއުމާރީ ބާރުން އަންގައިދިނީ އެމީހުން ކޮންޓްރޯލް ނުކުރެވޭނޭ ކަމެވެ.










ކިޔުންތެރިންގެ ހިޔާލު