ލުބުނާނުގެ ރައީސް ޖޯސެފް އައޫން ހިޒްބުﷲ ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން އެއްޗެހި ކިޔައިފިއެވެ.
ސީއެންއެންއަށް ދެއްވި އިންޓަރވިއުއެއްގައި ލުބުނާނުގެ ރައީސް ވިދާޅުވީ، ލުބުނާނަކީ އީރާނުގެ ތަނެއް ނޫންކަން ހިޒްބުﷲ ދަންނަން ޖެހޭނޭ ކަމަށެވެ.
ޖޯސެފް އައޫން ވިދާޅުވީ، އެމެރިކާއާއެކު ބާއްވާ ވާހަކަތަކުގައި އީރާނުން “ބާގޭނިންގ ޗިޕެއްގެ ގޮތުގައި” ލުބުނާނު ބޭނުން ކުރަމުންދާ ކަމަށެވެ. އެއީ، ލުބުނާނުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ލުބުނާނުގެ ރައީސް ވިދާޅުވީ، ލުބުނާނަކީ އީރާނުގެ ތަނެއް ނޫން ކަމަށާއި، ލުބުނާނަކީ ލުބުނާނު ރައްޔިތުންގެ ގައުމެއް ކަމަށެވެ. ލުބުނާނުގެ މަސްލަހަތުތައް ހިމާޔަތް ކުރުމަކީ ލުބުނާނުގެ ވާޖިބެއް ކަމަށާއި، ލުބުނާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ގޮތްފާޑުކިއުމުގެ ހައްގު އީރާނަށް ލިބިގެން ނުވާ ކަމަށްވެސް، ލުބުނާނުގެ ރައީސް ޖޯސެފް އައޫން ވިދާޅުވިއެވެ.
ހިޒްބުﷲއަށް އިޝާރާތް ކުރައްވައި ލުބުނާނުގެ ރައީސް ވިދާޅުވީ، މޭޒުދޮށުގައި އިށީނދެ ވާހަކަ ދެއްކުން ނޫން އިތުރު އެހެން އެއްވެސް ގޮތެއް ނެތްކަން ހިޒްބުﷲ ދަންނަން ޖެހޭނޭ ކަމަށެވެ.
ލުބުނާނުގައި ބާކީ އޮތް އެއްޗެއް ސަލާމަތް ކުރެވޭނެ އެހެންގޮތެއް ނެތް ކަމަށާއި، މައްސަލަ ހައްލު ކުރެވެންއޮތީ ވާހަކަ ދައްކައިގެން ކަމަށްވެސް ލުބުނާނުގެ ރައީސް ވިދާޅުވެފައި ވެއެވެ.
ލުބުނާނު އޮތީ ހަނގުރާމައިގެ ހާލަތެއްގައި ކަމަށް ލުބުނާނުގެ މިހާރުގެ ސަރުކާރުގެ ވެރިން ގަބޫލު ނުކުރާ ކަމަށް، ލުބުނާނުގެ މީޑިއާ ބައެއް ރިޕޯޓްތައް ބުނެއެވެ.
އިސްތިއުމާރީ އިސްރާއީލުން ލުބުނާނުގެ ދެކުނަށް ކެނޑިނޭޅި ބޮންއަޅައި، މިސައިލުން ހަމަލާދީ ކޮންމެ ދުވަހަކު އެތައް އާންމުން މަރައި، ގެތަކާއި އިމާރާތްތައް ސުންނާފަތި ކުރަމުން ދާއިރުވެސް، ވޮޝިންޓަންގައި އިސްރާއީލާ ވާހަކަ ދައްކައިގެން އެއްބަސްވުމެއް ހަދައި ލުބުނާނު ސަރުކާރުން މަސައްކަތް ކުރަނީ ހިޒްބުﷲ ހުއްޓުވުމަށެވެ.
އިސްތިއުމާރީ އިސްރާއީލުން ދެމުންގެންދާ ޓެރަރިސްޓު ހަމަލާތައް ހުއްޓުވާކަށް އަދި ލުބުނާނުގެ ބިމުން އިސްތިއުމާރީ ސިފައިން ބާލާކަށްވެސް ސަރުކާރުން ޑިމާންޑެއް ނުކުރެއެވެ.
ހިޒްބުﷲއިން ތަކުރާރުކޮށް ބުނަމުން ގެންދަނީ، ލުބުނާނުގެ ބިމުން އިސްތިއުމާރީ ސިފައިން ނުފައިބާ ތިބޭގޮތަށް ހަދާ އެއްވެސް އެއްބަސްވުމެއް ހިޒްބުﷲއިން ގަބޫލު ނުކުރާނޭ ކަމަށާއި، އަދި ލުބުނާނަށް ބޮންއަޅާހާ ހިނދަކު ހިޒްބުﷲއިން ދޭ ހަމަލާތައް ހުއްޓާނުލާނޭ ކަމަށެވެ.
ލުބުނާނު ސަރުކާރާއި، އެމެރިކާއާއި އިސްތިއުމާރީ އިސްރާއީލުން މިހާރު ރާވައި ތައްޔާރުވަމުންދަނީ ހިޒްބުﷲ އަތުން ހަތިޔާރު އަތުލައި އަދި ލުބުނާނުގެ ދެކުނުންވެސް ހިޒްބުﷲގެ ބާރު ކަނޑުވާލުމަށެވެ.









ކިޔުންތެރިންގެ ހިޔާލު