މި އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ. މިއަހަރަކީ އެންމެ ބޮޑޫ ގްރާންޓެއް ކައުންސިލްތަކަށް ދިން އަހަރުވެސްމެއެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 1 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދޫކޮށްފައިވަނީ، 718.2 މިލިޔަން ރުފިޔާއެވެ. މިއީ، 45.7 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކުގެ ގްރާންޓުގެ ގޮތުގައި ޖުމްލަ 2.5 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އޭގެފަހުން 2024 ވަނަ އަހަރުވެސް ކައުންސިލްތަކަށް 2.2 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ، ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ، މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ފައިސާ ދޫކުރަނީ، ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން ‘ބްލޮކް ގްރާންޓް’ގެ ގޮތުގައެވެ.
މިހާރު އަލަށް އިންތިޚާބުވި ކައުންސިލްތައް ހުވާކޮށްފައިވާއިރު، މިއަހަރު އަންނަ އެންމެ ބޮޑު ބަދަލަކީ އަތޮޅު ކައުންސިލްތައް އުވިގެން ދިއުމެވެ. މީގެ ސަބަބުން ރަށު ކައުންސިލުތަކާއި، ސިޓީ ކައުންސިލްތަކަށް ބަޖެޓުން ކުރާ ހޭދަ އިތުރުވާނެ ކަމަށް މީގެކުރިން ސަރުކާރުން ވަނީ ބުނެފައެވެ.








ކިޔުންތެރިންގެ ހިޔާލު