އިސްތިއުމާރީ އިސްރާއީލުގެ އުދުވާނީ ބާރުތަކުން ލުބުނާނުގެ ދެކުނުގެ އެކި ހިސާބުތަކަށް ރެއިން ފެށިގެން ވަރުގަދައަށް ބޮންއަޅަމުން އެބަ ގެންދެއެވެ.
އެގޮތުން، ލުބުނާނުގެ ދެކުނުގެ އެތައް އަވަށެއްގެ ގެތަކާއި، އިމާރާތްތަކާއި އާންމު ޚިދުމަތްދޭ އެތައް ތަނަކަށް ހަމަލާތައް ދެމުންގެންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާތަކުގައި ބޮޑެތި އެތައް ގެއްލުންތަކެއް ލިބެމުންދާއިރު، ޓެރަރިސްޓުންގެ ހަމަލާތަކުގައި އިއްޔެ އެކަނިވެސް 19 މީހުން މަރުފައި ވެއެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިންނާއި ތިން އަންހެނުންވެސް ހިމެނޭ ކަމަށް ލުބުނާނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

މިއަދުވެސް ވައިގެމަގުން ޖެޓުތަކާއި ޑްރޯން ބޭނުންކޮށްގެން އަވަށްތަކަށް ބޮންއަޅަމުން ގެންދާއިރު، ބޮޑުބަޑީގެ ހަމަލާތައްވެސް ގެންދަނީ ދެމުންނެވެ.
ލުބުނާނުގެ ދެކުނުގެ ބޯޑަރު ސަރަހައްދު އެއްކޮށް ހުސްކޮށްލުމުގެ މަގްސަދުގައި، އެ ސަރަހައްދުގެ އަވަށްތައް ކަމަށްވާ ތޫލިން، ކަބްރިޚާ، މަޖްދެލް ސެލްމް، ކަފްރާ އަދި ހަރޫފަށް މިއަދުވެސް އެއްގަމުމަގުން ވަރުގަދަ ހަމަލާތަކެއް ދެމުންގެންދާއިރު، ސުލްތާނިއްޔާ، ތޫރާ އަދި ބަހޫޝްއަށް މަތިންދާ ބޯޓާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ.
ލުބުނާނުގެ ދެކުނުގެ ޣަންދޫރިއްޔާ އަދި ބުރްޖް ރަހަލް އާއި އައްބާސީއާ ދެމެދުގައި އޮންނަ ސަރަހައްދަކަށްވެސް ވަރުގަދައަށް ބޮންއަޅަމުން އެބަ ގެންދެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ހިންގަމުންގެންދާ އުދުވާނުތަކުގެ ރައްދުގައި ލުބުނާނުގެ ހިޒްބުﷲއިންވެސް ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
އެގޮތުން، އިއްޔެ އެކަނިވެސް އިސްތިއުމާރީ ސިފައިންނާ ދެކޮޅަށް ވަރުގަދަ އެތައް އޮޕަރޭޝަނެއް ހިންގާފައި ވެއެވެ. މި އޮޕަރޭޝަންތަކުގައި ދުޝްމަނުންގެ ސިފައިންނަށާއި، އެމީހުންގެ ވެހިކަލްތަކާއި ހަތިޔާރުތަކަށްވެސް ހަމަލާދީ ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ.
މިއަދުވެސް ލުބުނާނުގެ އެތެރޭގައި ހަރަކާތްތެރިވާ އިސްތިއުމާރީ ސިފައިންގެ ބްރިގޭޑަކަށް ހިޒްބުﷲއިން ޑްރޯން ހަމަލާއެއްދީ ދުޝްމަން ސިފައިންގެ އެތައް ބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި އެ ބްރިގޭޑުގެ ކޮމާންޑަރުވެސް ހިމެނޭ ކަމަށް އިސްރާއީލު މީޑިއާއިން ބުނެއެވެ.
ހިޒްބުﷲގެ މިއަދުގެ ހަމަލާތަކުގައި ޒަޚަމްވި ސިފައިން އިސްރާއީލުގެ ހޮސްޕިޓަލްތަކަށް ހެލިކޮޕްޓަރުގައި އުފުލަމުންދާ މަންޒަރުގެ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
ލުބުނާނުގެ ތެރޭގައި ތިބި ދުޝްމަނުގެ އިތުރުން، ހިޒްބުﷲގެ ޑްރޯންތަކެއް އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ވަދެއުޅޭތީ ނުރައްކަލުގެ އިންޒާރު ދެމުން އެބަ ގެންދެއެވެ.





ކިޔުންތެރިންގެ ހިޔާލު