ގަވައިދާ ހިލާފަށް އަވައްޓެރި ސްރީލަންކާގައި ޓީވީއާއި ރޭޑިއޯ ސްޓޭޝަން ހިންގަމުން ދިޔަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، މި މައްސަލައިގައި ދެ މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެއެވެ.
އެ ގައުމުގެ ނޫސްތަކުގައިވާ ގޮތުން، ދިވެއްސަކު ހިމެނޭހެން ދެ މީހަކު ހައްޔަރުކުރީ، ސްރީލަންކާގެ މުވާސަލާތީ އިދާރާތަކާ ގުޅިގެން، ސްރީލަންކާގެ މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
އެ މީހުންގެ ވަނަވަރެއް އެ ނޫސްތަކުން ހާމައެއް ނުކުރެއެވެ.
ގަވައިދާ ޚިލާފަށް ހިންގަމުން ދިޔަ އެ ޓީވީއާއި ރޭޑިއޯ ސްޓޭޝަން ހިންގަމުން ދިޔައީ ސިއްރިއްޔާތުގައި، ސަލާމަތީގޮތުން ވަރުގަދަ ސަރަހައްދެއްގައި، ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓާ މާ ދުރުނޫން ހިސާބެއްގައެވެ.
އެ ޓީވީއާއި ރޭޑިއޯ ސްޓޭޝަން ހިންގަމުން ދިޔައީ ޓްރެވަލް ކުންފުންޏެއްގެ ނަންމަތީގައި ކަމަށް ލަންކާގެ ފުލުހުން ބުންޏެވެ.
ސެޓެލައިޓް ރިސީވަރާއި ސެޓެލައިޓް ޑިޝްތަކާއި ކޮމްޕިއުޓަރުތަކާއި ސްޓާލިންކް ޔުނިޓު ހިމެނޭހެން، އެ ގައުމުގެ 50 މިލިއަން ރުޕީސްއަށް ވާ ވަރުގެ ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. ދިވެހި ރުފިޔާއިން ބަލާނަމަ، އެ ތަކެތީގެ އަގު 2.33 މިލިއަން ރުފިޔާއަށް އަރާނެއެވެ.
އެ ޓީވީއާއި ރޭޑިއޯ ސްޓޭޝަން ހިންގުމަށްޓަކައި އަމިއްލަ ޓެލެކޮމްގެ ޚިދުމަތްދޭ ފަރާތެއްގެ ޑޭޓާ ބޭނުންކޮށް، ސެޓެލައިޓް މެދުވެރިކޮށް ޓީވީ ޗެނަލްތައް ޑައުންލޯޑުކޮށް، ސްރީލަންކާއަށާއި އެ ގައުމުން ބޭރަށް ގަވައިދާ ޚިލާފަށް މި ޚިދުމަތް ފުޅާކޮށްފައިވާ ކަމަށް ތަހުގީގުން ހާމަވެއެވެ.










ކިޔުންތެރިންގެ ހިޔާލު