ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލަ ކުރިއަށް ގެންދަން ބައިނަލްއަޤްވާމީ ވަކީލުންނާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަނޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
“ރިކޮމެންޑޭޝަންއާއި އެއްގޮތަށް އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން މިހާރު ބައެއް ޤާނޫނީ، އިންޓަނޭޝަނަލް ބައެއް ލޯޔަރސް އާއި ބައެއް އެކްސްޕާޓުންނާއި މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައި މިހާރު މިތިބީ. އަޅުގަނޑު މިވާހަކަ ދައްކާއިރުވެސް އެމަސައްކަތް ކުރިއަށްދޭ. ބަޔަކާއި އެ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް ހިންގާ. އަޅުގަނޑަށް ޤަބޫލުކުރެވެނީ ކުރިއަށް މިއޮތް 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މިއަށްވުރެ ރަނގަޅު ތަފްސީލީ މައުލޫމާތު ހިއްސާކޮށްލެވޭނެ ކަމަށް.” ބަންޑާރ ނައިބު
Advertisement
ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ގެއްލިގެން ދިޔައީ ނިމިދިޔަ ސަރުކާރުން އެ މައްސަލާގައި ޢަމަލުކޮށްފައިވާ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިމައްސަލަ ނިމިގެ ދިޔައިރު ރާއްޖެއަށް ކަނޑުގެ ސަރަހައްދު ގެއްލި އެކަމުގައި 37 މިލިޔަން ރުފިޔާ ހޭދަވެފައިވާ ސަރުކާރުން ވިދާޅުވެފައެވެ.
ސަރުކާރުން މިމައްސަލައިގެ ކަން ހިނގާފައިވާ ގޮތް ބެލުމަށް ބައިނަލްއަޤްވާމީ ޤާނޫނީ ޓީމެއް އެކުލަވާލާއި ދިރާސާ ކޮށްފައިވެއެވެ. މިމައްސަލަ ކުރިއަށް ގެންދަން އިސްކޮށް ހަރަކާތްތެރިވަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމުގެ އަދާހަމަ ހާމަކުރައްވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މިމައްސަލާގައި އެކުލަވާލި ޓީމުން ހެދި ދިރާސާ ކެބިނެޓަށް ހުށަހަޅައި، އެކަމުގައި ކެބިނެޓުން ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން ވަނީ މިމައްސަލަ ބައިނަލްއަޤްވާމީ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށެވެ. ބަނޑާރަ ނައިބު ވިދާޅުވީ މައްސަލަ ބައިނަލްއަޤްވާމީ ޤާނޫނީ ޓީމަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.
ކަނޑުގެ ސަރަޙައްދުގެ ގެއްލުމާއި ގުޅޭގޮތުން މިދިޔަ މާރިޗު ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިމައްސަލައިގެ ކަން ހިންގާފައިވާގޮތުގެ ތަފްސީލް ހިއްސާކޮށްދެއްވާފައެވެ. މިމައްސަލައިގެ ތަފްސީލްތައް ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިމައްސަލައަކީ މޮރިޝަސްއިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައެއް ކަމަށެވެ. އޭރު އާބިޓްރޭޝަންތެރެއިން ރާއްޖެއާއި ދެކޮޅަށް މައްސަލަ ނިމުނަސް އެކަން އިސްތިއުނާފްކޮށް ކާމިޔާބުކުރުމުގެ ފުރުޞަތު ރާއްޖެއަށް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނަމަވެސް އާބިޓްރޭޝަން މަރުހަލާ ދޫކޮށް، މޮރިޝަސް ސަރުކާރުން ނޭދެނީސް ކުރީ ސަރުކާރުން މިމައްސަލަ އިޓްލޮސްއަށް ގެންދަން އެދުނު ކަމަށާއި، އެ މައްސަލަ ނިންމީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ މިމައްސަލަ އަލުން ބައިނަލްއަޤްވާމީ އިދާރާތަކަށް ހުށަހަޅައިގެން މިހާރު ކާމިޔާބު ކުރުމަށް އުނދަގޫވާނެ ކަމަށާއި، ނަމަވެސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ކުރީ ސަރުކާރުން އެކަން ކޮށްފައިވަނީ ޤާނޫނާއި ޚިލާފު ސިޓީއެއް މެދުވެރިކޮށްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރީގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވާފައިވާ ސިޓީ ވަނީ މިދިޔަ ފެބްރުއަރީ މަހު އަނބުރާ ގެންދަވާފައެވެ.
މިމައްސަލާގައި ދައުލަތަށް ގެންލުއްވާ ގޮތަށް ޢަމަލުކޮށްފައިވާތީ އެކަމާޢި ގުޅިގެން ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.






ކިޔުންތެރިންގެ ހިޔާލު