ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަދަބާރުން ހޮރްމޫޒު ކަނޑުއޮޅި ހުޅުވުމުގެ އޮޕަރޭޝަނެއް މިއަދު ފަށަން އެމެރިކާ ސިފައިން ތައްޔާރުވެއްޖެ

ހޮރްމޫޒު ކަނޑުއޮޅީގެ މަންޒަރެއް:
TTH_Ads
STO_Ads
Advertisement

ގަދަބާރުން ހޮރްމޫޒު ކަނޑުއޮޅި ހުޅުވުމުގެ މަސައްކަތް މިއަދު ފަށަން އެމެރިކާ ސިފައިން ތައްޔާރުވެއްޖެއެވެ.

މިކަމާ ގުޅޭ ވާހަކަތައް މީޑިއާގައި ދެކެވެމުން ދަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިވަނީ މިކަން އިއުލާން ކޮށްފައެވެ.

އެމެރިކާ ސިފައިން ހޮރްމޫޒުގައި މިއަދު ފަށާ އޮޕަރޭޝަނަށް ދީފައިވާ ނަމަކީ “ޕްރޮޖެކްޓް ފްރީޑަމް” އެވެ. މިއީ، އީރާނުގެ ހުރަސްއެޅުންތަކާހެދި ހޮރްމޫޒު ކަނޑުއޮޅި ހުރަސް ނުކުރެވިފައި ތިބި އެތައްސަތޭކަ އުޅަނދުފަހަރު ހޮރްމޫޒު ހުރަސްކޮށް ދިއުމަށާއި، އަދި އެ ކަނޑުއޮޅިން މިނިވަން ކަމާއެކު އުޅަނދުފަހަރަށް ދެވޭގޮތް ހެދުމުގެ ނަމުގައި އެމެރިކާ ސިފައިން ފަށާ އޮޕަރޭޝަނެކެވެ.

HajjCop_ads
Advertisement

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރުގާނޫނީ ހަނގުރާމައާ ގުޅިގެންނެވެ. އީރާނުން ހަމަޖެއްސީ، އީރާނާ ދެކޮޅަށް އުދުވާނު ހިންގާ ގައުމުތަކާއި އެކަމުގައި އެހީތެރިވާ ގައުމުތަކުގެ އުޅަނދުފަހަރު ފިޔަވައި އެހެން ގައުމުތަކުގެ އުޅަނދުފަހަރަށް އީރާނުގެ ސަލާމަތީ ބާރުތަކާ ކޯޑިނޭޓްކޮށްގެން ހޮރްމޫޒު ހުރަސްކުރެވޭ ގޮތަށެވެ.

އިސްތިއުމާރީ އިސްރާއީލާއި ލުބުނާނާ ދެމެދު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމާއެކު އީރާނުން ހޮރްމޫޒު އެއްކޮށް އަލުން ހުޅުވާލިއެވެ. ނަމަވެސް އެކަން ދެމިއޮތީ 12 ވަރަކަށް ގަޑިއިރަށެވެ.

އީރާނުން ހޮރްމޫޒު ހުޅުވާލިޔަސް، އީރާނަށް ދަތުރުކުރާ އަދި އީރާނުން ފުރައިގެންދާ އުޅަނދުފަހަރަށް ހުރަސްއަޅަން އެމެރިކާ ސިފައިން ހިންގާ ބްލޮކޭޑް އުވާނުލާނޭ ކަމަށް އެމެރިކާގެ ރައީސް ބުނުމާއެކު އީރާނުން ހޮރްމޫޒު އަލުން ބަންދުކުރިއެވެ.

އީރާނުން އަންގަނީ ހޮރްމޫޒު ހުރަސް ކުރެވޭނީ އީރާނުން ހުއްދަ ދީގެން ކަމަށާއި، އީރާނުގެ ސަލާމަތީ ބާރުތަކާ ކޯޑިނޭޓް ކޮށްގެން ކަމަށެވެ. އަދި އީރާނުން ހުށަހަޅާފައިވަނީ އުޅަނދު ފަހަރު ދަތުރުކުރަންވާނީ އީރާނުން ކަނޑައަޅާ ރޫޓަކުން ކަމަށާއި، އަދި ފީއެއް ނަގަންވެސް އީރާނުން ނިންމާފައި ވެއެވެ.

އެކަމަކު، އީރާނުގެ ނިންމުންތަކާ ދެކޮޅު ހަދައި، އެމެރިކާގެ ރައީސްގެ އަމުރަށް އެމެރިކާ ސިފައިން މިހާރު މިވަނީ ހޮރްމޫޒު ގަދަބާރުން ހުޅުވަން ތައްޔާރުވެފައެވެ.

މިކަން ކުރުމަށްޓަކައި އަރަބި ކަނޑަށް ޖަމާވެފައިވާ އެމެރިކާގެ ލަޝްކަރެއް ހޮރްމޫޒާ ގާތަށް ޖެހެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެއީ، 15،000 ސިފައިންގެ ލަޝްކަރަކާއި، މިސައިލް ހަމަލާދޭ މަނަވަރުތަކެވެ.

އެމެރިކާއިން މިކަން މި ފަށަނީ، އީރާނުގެ ވެރިން އެތައް އިންޒާރުތަކެއް ދެމުން ގެންދަނިކޮށެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުގެ އިސް ވެރިއެއް ކަމަށްވާ މުހްސިން ރިޒާއީ އިއްޔެ ވިދާޅުވެފައިވަނީ، އީރާނުގެ ނިންމުމާ ޚިލާފަށް ހޮރްމޫޒަށް ވަދެގެންފިނަމަ އެމެރިކާގެ މަނަވަރުތަކާއި އެމެރިކާ ސިފައިންނަށް ހޮރްމޫޒަކީ “ގަބުރުސްތާނަކަށް” ހަދާލާނޭ ކަމަށެވެ.

އީރާނުގެ ކަނޑުގެ ސިފައިން އެމެރިކާގެ މަނަވަރުތަކަށް ހުރަސްއަޅާނޭ ކަމަށާއި، އީރާނު ސިފައިންނަށް އެމެރިކާ ސިފައިން ހަމަލާ ދީފިނަމަ ރައްދު  ހަމަލާ ދޭނޭކަމުގެ އިންޒާރުވެސް އީރާނުން ދީފައި ވެއެވެ.

އެމެރިކާއިން ގަދަބާރުން ހޮރްމޫޒު ހުޅުވަން ދިމާކުރުމަކީ، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް އޮތް ފުރުސަތުވެސް ގެއްލިގެންދާނޭ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އީރާނުން އެމެރިކާއަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި، ވާހަކަ ދައްކައިގެން މަސްދުވަހުގެ ތެރޭގައި ހޮރްމޫޒު އެއްކޮށް ހުޅުވާލުމުގެ ނުކުތާވެސް ހިމެނެއެވެ. އީރާނުން އެއްބާރުލުން ނުދޭނަމަ ހޮރްމޫޒު ހުޅުވުމަކީ ވާނޭކަމެއް ނޫން ކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.

އެކަމަކު، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އަންގަނީ އެމީހުން މިފަހަރު ހޮރްމޫޒު ހުޅުވާނޭ ކަމަށެވެ.

އެމެރިކާ ސިފައިން ފަށާ މި އޮޕަރޭޝަނާ ގުޅިގެން އީރާނާއި އެމެރިކާއާ ދެމެދު އަނެއްކާވެސް ވަރުގަދަ ކުރިމަތިލުންތަކެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރު އުފެދިފައި ވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއްވެސް ކުރިއެރުމެއް ނުލިބިގެން، ހޮރްމޫޒު ހުޅުވަން އެމެރިކާ ސިފައިން ފެށި އޮޕަރޭޝަން މަޑުޖައްސާލައިފި

ހޮރްމޫޒުގައި އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތުގައި ބައިވެރިނުވާނަން: ފްރާންސްގެ ރައީސް

އީރާނުން ގޯހެއް ހަދައިފިނަމަ އަނެއްކާވެސް ހަމަލާދޭން ޖެހިދާނެ: އެމެރިކާގެ ރައީސް

އީރާނު ޕާލަމެންޓް ރައީސްގެ މަލާމާތް ޓްރަމްޕަށް: ބްލޮކޭޑްގެ ސަބަބުން އަގުބޮޑުވަނީ ތެޔޮ، އީރާނަކަށް ގެއްލުމެއްނުވޭ