ސަލްޓަން ޕާކު މަރާމާތުކޮށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާތީ، ކޮންމެ ދުވަހަކު ވަކި ވަގުތެއްގައި އެ ތަން ބަންދުކުރުމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން ބުނީ މި ހަފުތާއިން ފެށިގެން ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން ޕާކު އާންމުންނަށް ބަންދުވާނެ ކަމަށެވެ.
މި މަސައްކަތަކީ ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ އިތުރު މަރާމާތުތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަލްޓަން ޕާކާއި ރަސްފަންނު ފަދަ އާންމު ހުސްޖާގަތައް މިހާރު އޮތް ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެ ތަންތަން ޒަމާނީ ފެންވަރަށް ތަރައްގީކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ކުރިން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ސަލްޓަން ޕާކު، މިދިޔަ ފެބުރުއަރީ 19 އިން ފެށިގެން ވަނީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. ސަރުކާރުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ މަސައްކަތްތައް އެއްކޮށް ނިންމައި އީދު ބަންދާ ދިމާކޮށް ޕާކު އަލުން ހުޅުވޭނެއެވެ. ރައީސް ވިދާޅުވެފައިވަނީ ސަލްޓަން ޕާކު ތަރައްގީކުރާނީ ދިވެހިވަންތަކަން ރަމްޒުކޮށްދޭ ގޮތަށް، ޒަމާނީ ޓެކްނޮލޮޖީއާއެކު ކަމަށެވެ.




ކިޔުންތެރިންގެ ހިޔާލު