އީރާނުން އެއްބަސްވުމެއް ނުހަދަނީސް ބްލޮކޭޑް އުވާނުލާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ބުނެފިއެވެ.
އީރާނު ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ ރައީސް މިއަދު ވަނީ އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ފުލުފުލުހުން މެސެޖްތައް ޕޯސްޓްކޮށްފައެވެ.
އެންމެފަހުން ޕޯސްޓްކުރި މެސެޖްގައި ޓްރަމްޕް ބުނެފައިވަނީ، އީރާނުން އެއްބަސްވުމެއް ނުހަދަނީސް އީރާނުގެ ބަނދަރުތައް ބްލޮކްކޮށްފައި އޮތްއޮތުން އުވާނުލާނޭ ކަމަށެވެ. ބްލޮކޭޑްގެ ސަބަބުން އީރާނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

އެމެރިކާގެ ރައީސް ބުނެފައިވަނީ، އީރާނުގެ ބަނދަރުތަކަށް އަންނަ އަދި ބަނދަރުތަކުން ފުރައިގެންދާ ޓޭންކަރުތަކާއި ބޯޓުފަހަރަށް އެމެރިކާއިން ހުރަސް އެޅުމުގެ ސަބަބުން އީރާނަށް ދުވާލަކު 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބެމުންދާ ކަމަށެވެ.
ގަލްފް އޮފް އުމާނުން އީރާނަށް ދަތުރުކުރި ކޮންޓެއިނަރ ބޯޓަކަށް އެމެރިކާ ސިފައިން ހަމަލާދީ އެ ބޯޓު ކަނޑުފޭރިގަތުމާ ގުޅިގެން އީރާނުންވަނީ، ޕާކިސްތާނުގައި މިއަދު ފަށަންއޮތް ދެވަނަ ބުރުގެ ވާހަކަތަކަށް ދިއުމަށްވެސް އިންކާރު ކޮށްފައެވެ.
އެމެރިކާ ސިފައިން އީރާނުގެ ބޯޓު ކަނޑުފޭރިގަތުމާއި، އީރާނުގެ އުޅަނދުފަހަރަށް ހުރަސްއެޅުން ހުއްޓާނުލުމަކީ ހަމަލާތައް ހުއްޓާލަން އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމާ އެމެރިކާ ޚިލާފްވުމުގެ އަމަލުތަކަށް ވާތީ، ވާހަކަތަކަށް ދިއުމާމެދު އީރާނުން އަދިވެސް ގޮތެއް ނުނިންމާ ކަމަށް، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ މިއަދުވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބް އަދި ޚާރިޖީ ވަޒީރު އިސްހާގް ދާރަށް ފޯނުން ގުޅުއްވައި ދަންނަވާފައެވެ. އެއްވެސް ބަޔަކަށް އީރާނަށް ޕްރެޝަރ ނުކުރެވޭނޭ ކަމަށްވެސް އަރަޣްޗީވަނީ ޕާކިސްތާނުގެ އިސްހާގް ދާރަށް ދަންނަވާފައެވެ.
ޕާކިސްތާނުގައި ބާއްވާ ވާހަކަތަކަށް ނުދާނޭ ކަމަށް އީރާނުން ތަކުރާރުކޮށް ބުނަމުން ގެންދާއިރުވެސް، އެމެރިކާގެ ރައީސް ޓްރަމްޕް ގެންދަނީ އޭނާގެ ވަފުދު ޕާކިސްތާނަށް ދާނޭ ކަމަށް ބުނަމުންނެވެ.
އީރާނަށް ލިބެމުންދާ މާލީ ގެއްލުންތަކުގެ ވާހަކަ ދައްކައި އަދި އީރާނަށް ޕްރެޝަރ ކުރަމުންދިޔަ ނަމަވެސް، އީރާނުން ހޮރްމޫޒު ކަނޑުއޮޅި އެއްކޮށް ބަންދުކުރުމާ ގުޅިގެން އެންމެބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވަނީ ޓްރަމްޕަށް ކަމަށް، ތަޖުރިބާކާރުން ވިދާޅުވެއެވެ.
އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށާކަށް ޓްރަމްޕް ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ އީރާނަށް ބިރުދައްކައި ޕްރެޝަރކޮށްގެން އެއްބަސްވުމެއް ހަދައި ހޮރްމޫޒު ހުޅުވޭނެ ގޮތެއް ހޯދޭތޯ ކަމަށްވެސް، ވިދާޅުވެއެވެ.
ހަމަލާތައް ހުއްޓާލުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ ދެ ހަފްތާގެ އެއްބަސްވުމުގެ މުއްދަތު ބުދަދުވަހު އަންގާރަ ދުވަހުގެރޭ ހަމަވާއިރު، އެއްބަސްވުމުގެ މުއްދަތު އިތުރުކުރާނެކަމެއް ޔަގީން ނުވާކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.








ކިޔުންތެރިންގެ ހިޔާލު