
އީރާނުގެ ކޮންޓެއިނަރ ބޯޓަށް ހަމަލާދިން އެމެރިކާގެ މަނަވަރުތަކަށް އީރާނުގެ ކަނޑުގެ ސިފައިން ޑްރޯން ހަމަލާތަކެއްދީ ފައްސާލައިފި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ، އައިއާރްއައިބީން ބުނެފިއެވެ.
އީރާނުން ބުނެފައިވަނީ، އެމެރިކާ ސިފައިން އީރާނުގެ ކޮންޓެއިނަރ ބޯޓަށް ހަމަލާ ދީފައިވަނީ، އަރަބި ކަނޑުގެ އުތުރުން، އީރާނުގެ ޗާބަހަރް ބަނދަރާ 50 ވަރަކަށް މެއިލު ދުރުގައި ވަނިކޮށް ކަމަށެވެ.
އީރާނުގެ ބޯޓަށް ދިން ހަމަލާގެ ރައްދުގައި އީރާނުން އެމެރިކާގެ މަނަވަރުތަކަށް ޑްރޯން ހަމަލާތައް ދީ ފައްސާލާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އީރާން ސިފައިން ޑްރޯން ހަމަލާތައް ދޭން ފެށުމުން އެމެރިކާގެ މަނަވަރުތައް އެ ސަރަހައްދުންވެސް ގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ.

އީރާނުގެ މެހްރް ނޫސް އޭޖެންސީން ބުނެފައިވަނީ، އީރާނުގެ ކޮންޓެއިނަރ ބޯޓު އަނބުރާ އީރާނުގެ ކަނޑުގެ ސަރަހައްދަށް ވައްދަން މަޖުބޫރު ކުރުމުގެ ގޮތުން އެމެރިކާ ސިފައިން ބޯޓަށް ހަމަލާދިން ކަމަށެވެ. އީރާނުގެ ކަނޑުގެ ސިފައިން ވަގުތުން ރައްދު ހަމަލާތައް ދޭން ފެށުމުން އެމެރިކާގެ މަނަވަރުތައް ފިލައިގެން ގޮސްފައިވާ ކަމަށްވެސް މެހްރް ނޫސް އޭޖެންސީން ބުނެފައި ވެއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ، އީރާނުގެ ކޮންޓެއިނަރ ބޯޓަށް އެމެރިކާގެ މަނަވަރަކުން އިންޒާރުގެ ހަމަލާދޭ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި، ބޯޓުގެ އިންޖީނު ރޫމަށް ހަމަލާދޭނޭކަމުގެ އިންޒާރުދޭ އަޑުވެސް އިވެއެވެ.
އެމެރިކާ ސިފައިން އީރާނުގެ ކޮންޓެއިނަރ ބޯޓަށް ހަމަލާދިނުމަށްފަހު ބޯޓަށް އަރައި އެ ބޯޓު އެމެރިކާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނި ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ސީދާ އެކަން ކަށަވަރު ކޮށެއް ނުދެއެވެ.
އެމެރިކާ ސިފައިން އީރާނުގެ ކޮންޓެއިނަރ ބޯޓު ހިފިކަމެއް އީރާނުންވެސް ނުބުނެއެވެ.
އީރާނުގެ ބޯޓަށް އެމެރިކާ ސިފައިން ހަމަލާ ދިނުމާ ގުޅިގެން މަސްރަހް ވަރަށް ބޮޑަށް ގޯސްވެގެން ދާނޭކަމަށް ޚަބަރުތައް ބުނެއެވެ. އަދި މިއީ، އެމެރިކާއިން ސީދާ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ އަމަލެއް ކަމަށާއި، މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވެސް ޚިލާފަށް އެމެރިކާ ސިފައިން ހިންގި އަމަލެއް ކަމަށް، ތަޖުރިބާކާރުން ބުނަމުން އެބަ ގެންދެއެވެ.







ކިޔުންތެރިންގެ ހިޔާލު