އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެންނަން ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ޣާޒާއަށް ދާދިފަހުން ދީފައިވާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން އާންމުންގެ ފުރާނަ ގެއްލި، ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިސްރާއީލުން ވަރަށް ބޮޑަށް ޚިލާފުވެފައިވާތީ، އެކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ނިމުމަކަށް ގެނައުމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފުރިހަމައަށް އަދި ވަގުތުން ޢަމަލުކުރުން ކަށަވަރުކުރުމަށް، ވަގުތުން ވަގުތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މި ހަމަލާތަކުގެ ސަބަބުން އާންމުންގެ ފުރާނައަށް ގެއްލުންވެ، އިންސާނީ ހައްޤުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ރާއްޖެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިސްރާއީލުގެ ޢަމަލުތަކުގެ ސަބަބުން، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމުގެ ނުރައްކާ އޮތުމުން އެކަމުގެ ކަންބޮޑުވުން ވެސް ރާއްޖެއިން ވަނީ ފާޅުކޮށްފައެވެ.

މީގެ އިތުރުން، ރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ހައްގު ހޯދައިދިނުމަށް އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދީފައެވެ.

1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ޤާއިމުކުރުމަށް ކުރާ މަސައްކަތަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށްވެސްބަޔާނުގައި ބުނެފައިވެ އެވެ.