އަންނަ އަހަރު ފާހަގަކުރާ ހަބީބް ބޭންކް ލިމިޓެޑް، އެޗްބީއެލްގެ 50 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެބޭންކުން މިއަދު ވަނީ ޗައިނާ ބިޒްނަސް ފޯރަމެއް ބާއްވާފައެވެ.
ހޮޓެލް ޖެންގައި ބޭއްވުނު މި ފޯރަމަކީ ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ ވިޔަފާރިތަކާ އެޗްބީއެލްގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަމާޒުކޮށްގެން ބޭއްވުނު ހަރަކާތެކެވެ.
މިއީ ހަބީބް ބޭންކުގެ 50ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ފެށުމަށް ބޭއްވި ފޯރަމެކެެވެ. މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޗައިނާގެ ވިޔަފާރިތަކަށް ހަބީބް ބޭންކުން ދެމުންދާ ޚިދުމަތްތަކުގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމާއި، އެފަރާތްތަކާ ބޭންކުގެ ގުޅުން އިތުރަށް ވަރުގަދަކުރުމެވެ.
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ، އެޗްބީއެލްއަކީ ރާއްޖެއާ ވަރަށް ބޮޑަށް ގުޅިފައިވާ ބޭންކެއް ކަމަށެވެ.
ސްޓޭޓް މިނިސްޓަރ ހާރިސް މުޙައްމަދު ވަނީ ބޭންކުގެ ކާމިޔާބީގެ ފަހަތުގައިވާ މުވައްޒަފުންގެ ހިތްވަރަށް ޝުކުރު އަދާކުރައްވާފައެވެ.
“މި ކާމިޔާބީގެ ބިންގަލަކީ މެނޭޖަރުންނާއި، ޓެލަރުންނާއި، އޮފިސަރުންގެ ހިމެނޭ ގޮތަށް، މި މުއައްސަސާގެ ކޮންމެ މުވައްޒަފެއްގެ ހިތްވަރާއި ޤުރުބާނީއަށް އަބަދުވެސް އަޅުގަނޑުމެން އިޙްތިރާމްކޮށް ފާހަގަކުރަން ޖެހޭނެ. ޚިދުމަތުގައި ފުރިހަމަކަން ދިނުމަށް ތިޔަބޭފުޅުން ވެފައިވާ ޢަޒުމުގެ ސަބަބުން މި ބޭންކް ވަރުގަދަވުމުގެ އިތުރުން، މުޅި ޤައުމަށް ފައިދާކުރާ މާލީ އަމާނާތްތެރިކަމުގެ ސަގާފަތެއް ވަނީ އުފެދިފައި،” ހާރިސް މުޙައްމަދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު