އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް (65އ)ގެ މަރުގެ މައްސަލައިގައި އޭނާގެ އާއިލާ އާއި އޭނާއާ ގާތްގުޅުން އޮންނަ މީހުންނާ ފުލުހުން ސުވާލުކޮށްފިއެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެ ފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުންނެވެ." އެ މެސެޖުގައި ބުނެފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ވަނީ އެ ތަހުގީގުގެ ތެރެއިން އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނު ވެސް ހިފަހައްޓައިފައެވެ.

އަބްދުއްރަހްމާނަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހަމަލާދީފައިވާއިރު، އޭނާގެ އަންހެނުންނަށް ފެނުނީ އޭނާ މަރަށް ތެޅި ތެޅި އޮއްވައެވެ. ދެން ވަގުތުން ގެންދިޔައީ މާޅޮހު ސިއްހީ މަރުކަޒަށެވެ. ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ހަމަ އެރޭ އޭނާ ވަނީ މަރުވެފައެވެ.

އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މި މަހުގެ 21 ވަނަ ދުވަހު އިންޑިއާއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.